އިންޑިއާގައި 496 މިލިއަން މީހުން ފަގީރުކަމުން އަރައިގެންފި

މީގެ ކުރީގެ އަހަރުތަކާ އަޅާބަލާއިރު އިންޑިއާގައި ފަޤީރުކަމުގެ ޙާލަތުން އަރައިގަނެފައިވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަން ދުނިޔޭގެ ބޭންކުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. އިޤްތިޞާދީ މުހައްލިލުން ކަމަށްވާ ސައުމިތުރާ އެން ބަދޫރީއާއި ކޭ.އާރު. ޝަންމުގަމް ތައްޔާރުކުރެއްވި ތަހުލީލީ ރިޕޯޓެއްގައިވާ ގޮތުން، 2011 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގެ މުއްދަތުގެ ތެރޭގައި އެ ޤައުމުގައި ފަޤީރުކަމުގެ ޙާލަތުގައި ދިރިއުޅެމުންދިޔަ 496 މިލިއަން މީހުން ވަނީ އެ ޙާލަތުން މިންޖުވެފައެވެ.

ދުނިޔޭގެ ބޭންކުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެ ތެރެއިން، ދުވާލަކަށް 3 އެމެރިކާ ޑޮލަރުން އިންތިހާއަށް ފަޤީރުކަމުން އަރައިގަތުމުގެ މިންގަނޑާއި، އަދި ތަންކޮޅެއް މަތީ މެދުފަންތީގެ އާމްދަނީގެ ރޮނގު ކަމަށްވާ 4.20 ޑޮލަރުގެ މިންގަނޑަށް ބިނާކޮށް އިންޑިއާގެ އިޤްތިޞާދީ ކުރިއެރުން ވަނީ ވަޒަންކޮށްފައެވެ. މިއީ އިންޑިއާގެ މާލީ އަދި އިޖުތިމާޢީ ސިޔާސަތުތަކަށް އައިސްފައިވާ މުހިންމު ބަދަލެއްގެ ގޮތުގައި މުހައްލިލުން ފާހަގަކުރައްވައެވެ.

އިންޑިއާގެ ސަރުކާރުން ފަޤީރުކަން ނައްތާލުމަށްޓަކައި ގެންގުޅުނު ސްޓްރެޓެޖީގެ ސަބަބުން، ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ޚާއްސަކޮށް، ރަށްފުށުގެ ސަރަހައްދުތަކުގައި ވެލްފެއަރ ނިޒާމުތައް ހަރުދަނާކުރުމާއި، ސީދާ ރައްޔިތުންނަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ މި ކާމިޔާބީގެ އެންމެ ބޮޑު ސަބަބު ކަމަށް ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ބޭންކުގެ ހޯދުންތައް (2011–2023):
  • ދުނިޔޭގައި ފަޤރު ކަންކުޑަ ކުރުމުގެ ދުވެލި އެންމެ ހަލުވި އެއް ޤައުމަކަށް އިންޑިއާ ވެއްޖެއެވެ. ދުވާލަކު 3 ޑޮލަރަށްވުރެ ކުޑަ އާމްދަނީއެއް ލިބޭ ފަގީރުކަން 2.6 އިންސައްތައަށް ދަށަށް ގޮސްފައިވެއެވެ. އަދި އޭގެ އިތުރުން، ދަށު މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ ފަގީރު ކަމުގެ މިންގަނޑު ކަމަށްވާ ދުވާލަކު 4.20 ޑޮލަރު ވަނީ 57.7 އިންސައްތައިން 16.1 އިންސައްތައަށް ދަށްވެފައެވެ. އަދި އަންދާސާ ކުރާ ގޮތުގައި 496 މިލިއަން މީހުން ފަގީރުކަމުން ސަލާމަތްކުރެވިފައިވެއެވެ. 2028 ވަނަ އަހަރު އަންނަންވާއިރު މި ނިސްބަތް އިތުރަށް 12.1 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވެއެވެ.
މިކަމަށް މެދުވެރިވި ސަބަބުތަކާއި ބާކީ ހުރި ގޮންޖެހުންތައް:
  • މި ފަގީރުކަން ކުޑަވުމުގެ ފަހަތުގައިވަނީ ކޮންސިއުމަރ ހޭދަތައް ވަރުގަދަވުމާއި، އަންހެނުންގެ ވަޒީފާގެ ފުރުސަތުތައް އިތުރުވުމާއި، އަދި އިޖުތިމާއީ އެހީތެރިކަން ކަމަށްވާ ކާނާގެ ސަބްސިޑީ ފަދަ ކަންކަން ފުޅާވުމެވެ. ނަމަވެސް، ފަގީރުކަން  އަދިވެސް ބޮޑަށް ފެންނަންހުރީ އަވަށްތަކާއި ރަށްފުށުގެ ސަރަހައްދުތަކުގައެވެ. އެއީ އެ ސަރަހައްދުތަކުގައި އުފެއްދުންތެރިކަން ދަށްވުމާއި، ދަނޑުވެރި ނޫން އެހެނިހެން ރަނގަޅު ވަޒީފާގެ ފުރުސަތުތައް މަދުވުމުންނެވެ. އަދި ޚާއްސަކޮށް އުއްތަރަ ޕްރަދޭޝް އާއި ވެސްޓް ބެންގޯލް ފަދަ ސްޓޭޓްތަކުގައި ސަރަހައްދީ ތަފާތުތައް ބޮޑެވެ.
ފަގީރުޤުކަން ބަލާ އިންޑެކްސް (އެމް.ޕީ.އައި):
  • ފައިސާގެ މިންގަނޑުން އެކަނި ފަގީރުކަން ބެލުމުގެ ބަދަލުގައި، ޔޫ.އެން.ޑީ.ޕީ އާއި އޮކްސްފޯޑް ޕަވަރޓީ އެންޑް ހިއުމަން ޑިވެލޮޕްމަންޓް އިންނިޝިއޭޓިވް އޯއެޗްޕީއައި އިން ތަރައްޤީކޮށްފައިވާ އެމް.ޕީ.އައި އަކީ ސިއްހަތާއި، ތައުލީމާއި އަދި ދިރިއުޅުމުގެ ފެންވަރުގެ މައްޗަށް ބިނާކޮށް 10 އިންޑިކޭޓަރެއްގެ އެހީގައި ފަގީރު ކަން މިންކުރާ ނިޒާމެކެވެ.
  • ދުނިޔޭގެ ބޭންކުގެ އެމް.ޕީ.އައި އިން 2022-23 ވަނަ އަހަރު މަލްޓިޑިމެންޝަނަލް ފަގީރުކަން ހުރީ 15.5 އިންސައްތައިގައެވެ.
އިންޑިއާގައި ފަޤުކަން މިންކުރުމުގެ ނިޒާމު ކުރިއަރައިގެން އައި ގޮތް:
  • ކާނާގެ ކެލޮރީ މިންގަނޑުތަކަށް ބިނާކޮށް މަސައްކަތްކުރި ގްރޫޕްތަކުން ފެށިގެން، ބަދަލުވަމުންދާ ކެއުމުގެ އާދަތަކާއި ޒަރޫރީ ޚިދުމަތްތަކަށް ރިއާޔަތްކޮށް، ނީތީ އަޔޯގް މެދުވެރިކޮށް ޒަމާނީ މަލްޓިޑިމެންޝަނަލް މިންގަނޑުތަކަށް އިންޑިއާގެ ނިޒާމު ވަނީ ބަދަލު ކޮށްފައެވެ.
ހިއްސާ ކުރައްވާ!