އަމީތާބް ބައްޗަންގެ ގެއިން ބޭރު ކޮށްލާނެ ބާ؟

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަމީތާބް ބައްޗަން ދިރިއުޅޭ އަގުބޮޑު ގެ "ޖަލްސާ" ގެ މިލްކުވެރިކަމާ މެދު، އޭނާގެ ކޮއްކޮ އަޖީތާބް ބައްޗަންގެ އަންހެނުން ރަމޯލާ ބައްޗަން ދަޢުވާކުރަން ފެށުމާއެކު، އެ ގެ އަމީތާބްގެ އަތުން ބީވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ. އަމީތާބްގެ އަންހެނުން ޖަޔާ ބައްޗަންގެ ނަމަށް އެ ގެ ބަދަލުކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ރަމޯލާ އުފައްދާފައިވާ މި މައްސަލަ މިހާރު އޮތީ ބިމާ ބެހޭ ރަޖިސްޓްރާރުގެ އިދާރާއަށް ހުށަހެޅިފައެވެ.

މި މައްސަލައިގެ އަސްލު ގުޅިފައިވަނީ 1993 ވަނަ އަހަރު އެ ގެ ހަދިޔާކުރި ކަމަށް ބުނާ ލިޔުމަކާއެވެ. ރަމޯލާ ބައްޗަން ތުހުމަތުކުރާ ގޮތުގައި، އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮތް އެ ގެ 1993 ވަނަ އަހަރު ޖަޔާ ބައްޗަންގެ ނަމަށް ބަދަލުކޮށްފައިވަނީ އޭނާއަށް އެންގުމަކާ ނުލައެވެ. އަދި އެ ގެ ހަދިޔާކުރި ކަމަށް ބުނާ "ގިފްޓް ޑީޑް" ތައްޔާރުކޮށްފައިވަނީ އާދައިގެ ކަރުދާހެއްގައި ކަމަށާއި، އެ ލިޔުމަށް ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފީއެއް ދައްކާފައި ނުވާއިރު، ހެކިންގެ ސޮއިވެސް އޭގައި ނެތް ކަމަށް ރަމޯލާ ބުނެއެވެ.

މިހާރު "ޖަލްސާ" ގެ ނަމުން މަޝްހޫރުވެފައިވާ މި ބަންގަލޯގެ ކުރީގެ ނަމަކީ "މަންސާ" އެވެ. މި ގެ އަމީތާބް ބައްޗަންއަށް އެންމެ ފުރަތަމަ ލިބުނީ 1982 ވަނަ އަހަރު ނުކުތް ފިލްމު "ސައްތޭ ޕޭ ސައްތާ" ގައި އޭނާ ކުޅުނު ރޯލަށް ލިބެންޖެހޭ އުޖޫރައިގެ ބަދަލުގައި، އެ ފިލްމުގެ ޕްރޮޑިއުސަރު ދިން ހަދިޔާއެއްގެ ގޮތުގައެވެ. ނަމަވެސް، 1988 އަދި 1989 ހިސާބުގައި އިންޑިއާގެ ސިޔާސީ މަސްރަހު ހޫނުކޮށްލި "ބޯފޯސް" ޚިޔާނާތުގެ މައްސަލަ ފެންމަތިވުމާ ގުޅިގެން، ފަހުން އަނބުރާ ގަތުމުގެ އެއްބަސްވުމެއްގެ ދަށުން އަމީތާބް ވަނީ އެ ގެ އޭނާގެ ރަޙުމަތްތެރިއަކަށް ވިއްކާލައްވާފައެވެ.

އޭގެ ފަހުން 1991 ވަނަ އަހަރު، އަމީތާބްގެ ކޮއްކޮ އަޖީތާބްގެ އަންހެނުނާ ރަމޯލާ ބައްޗަންގެ ނަމުގައި އެ ގެ ގަނެ ރަޖިސްޓްރީ ކުރެވުނެވެ. އެއަށްފަހު 1993 ވަނަ އަހަރު ރަމޯލާގެ ފަރާތުން ޖަޔާ ބައްޗަންއަށް އެ ގެ ހަދިޔާކުރި ކަމަށް ބުނާ ލިޔުމެއް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެވެއެވެ. މި މައްސަލައިގައި އެންމެ ބޮޑު ފުށުއެރުމެއް އުފެދިފައިވަނީ ސަރުކާރުގެ އިދާރާތަކާއި ހައުސިންގ ސޮސައިޓީގެ ރެކޯޑުތަކުގައި ދެ ފަރާތުގެ ނަން އޮތުމުންނެވެ. އެގޮތުން، އެ ސަރަޙައްދުގެ ކަޕޯލް ހައުސިންގ ސޮސައިޓީގައި އޮތް ގިފްޓް ޑީޑަށް ބަލައި، އެ ސޮސައިޓީން ގޭ ގެ ވެރިފަރާތުގެ ގޮތުގައި ބަލައިގަންނަނީ ޖަޔާ ބައްޗަންއެވެ. ނަމަވެސް، މަހާރާޝްޓްރަ ސްޓޭޓް ސަރުކާރުގެ ރަސްމީ ރެކޯޑުތަކުގައި މިއަދާ ހަމައަށްވެސް ގޭ ގެ މިލްކުވެރިއެއްގެ ގޮތުގައި އޮތީ ރަމޯލާ ބައްޗަންގެ ނަމެވެ.

މި މައްސަލަ އިތުރަށް ހޫނުވެގެންދިޔައީ، ދާދިފަހުން ސަރުކާރުގެ ރަސްމީ ރެކޯޑުތަކުގައި އޮތް ރަމޯލާގެ ނަން އުނިކޮށް، އޭގެ ބަދަލުގައި ޖަޔާ ބައްޗަންގެ ނަން ހިމެނުމަށް ކުރި މަސައްކަތްތަކަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ރަމޯލާ ވަނީ އެ ބަދަލު ގެނައުމާ ދެކޮޅަށް ނުކުމެ، ގޭގެ މިލްކުވެރިކަން ހޯދުމަށް ރަސްމީކޮށް މަސައްކަތް ފައްޓަވާފައެވެ.

މިހާރު މި މައްސަލަ ކަމާބެހޭ ރަޖިސްޓްރާރުގެ އިދާރާގައި ބަލަމުންދާއިރު، އެއްބަނޑުއެއްބަފާ ދެ ބެއިންގެ އާއިލާގެ މެދުގައި އުފެދިފައިވާ މި ދެބަސްވުމުގެ ސަބަބުން ބައްޗަން އާއިލާގެ އެތެރޭގެ ގުޅުންތަކަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ..

ހިއްސާ ކުރައްވާ!