ޕާކިސްތާނުގެ މޫސުމީ ބަދަލުތަކާބެހޭ ވަޒީރު އިންޑިއާއަށް ވަޑައިގަންނަވަނީ

ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސް.ސީ.އޯ) އިން އިންތިޒާމުކޮށްގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބާއްވާ ސަޤާފީ އަދި ޙަޟާރީ މަޝްވަރާ ފޯރަމް ސިވިލައިޒޭޝަނަލް ޑައިލޮގް ގައި ބައިވެރިވެވަޑައިގަތުމަށް ޕާކިސްތާނުގެ ފަރާތުން އެ ޤައުމުގެ މޫސުމީ ބަދަލުތަކާއި ބެހޭ ވަޒީރު ޑރ. މުސާދިޤް މަޢުޞޫދު މާލިކް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބައްދަލުވުން ނޮވެމްބަރު މަހުގެ 20 އިން 22 އަށް ނިއުދިއްލީގައި ކުރިއަށްދާނެއެވެ.

އެސް.ސީ.އޯ މެންބަރު ޤައުމުތަކުގެ މެދުގައި ސަޤާފަތް ފަހުމުވުމާއި، ޙަޟާރީ ގުޅުންތައް ބަދަހިކުރުމުގެ މަޤުޞަދުގައި ބާއްވާ މި ފޯރަމްގައި، ޕާކިސްތާނުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ވަފުދުގެ އެންމެ އިސްކޮށް ހުންނަވާނީ ޑރ. މުސާދިޤް ކަމަށް އެ ވުޒާރާއިން ކަށަވަރުކޮށްދީފައިވެއެވެ.

ދެ ޤައުމުގެ މެދުގައި މަތީ ފަންތީގެ މިނިސްޓަރުންގެ ފެންވަރުގައި މިފަދަ ދަތުރުފުޅުތައް ބޭއްވުމަކީ މަދުން ނޫނީ ނުފެންނަ ކަމަކަށްވާއިރު، އެސް.ސީ.އޯގެ މަލްޓިލެޓަރަލް ނިޒާމުގެ ތެރެއިން ޕާކިސްތާނުގެ ވަޒީރު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މުހިންމު ސިޔާސީ ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ވާހަކ ދައްކަވަމުން އިންޑިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، އެސް.ސީ.އޯގެ މެންބަރު ހ ހުރިހާ ޤައުމުތަކަކަށް ދަޢުވަތު އަރުވާފައިވާނެ ކަމަށާއި، މި ބައްދަލުވުމަށް މެންބަރު ޤައުމުތަކުގެ ވަފުދުތަކަށް މަރުޙަބާ ކިޔުމަށް އިންޑިއާ އޮތީ ތައްޔާރަށް ކަމަށެވެ.

މި ސަޤާފީ މަޝްވަރާ ފޯރަމަކީ އޭޝިއާ ޤައުމުތަކުގެ މެދުގައި ސަޤާފީ ބަދަލުކުރުންތައް އިތުރުކޮށް، ރައްޔިތުންގެ ގުޅުންތައް ބަދަހިކުރުމަށް އިންޑިއާއިން އިސްނަގައިގެން ތަޢާރަފުކޮށްފައިވާ މަންސައެކެވެ. މިދިޔަ އޮކްޓޯބަރު މަހު ތަޖިކިސްތާނުގެ ދުޝަންބޭގައި ބޭއްުނު އެސް.ސީ.އޯ ކައުންސިލް އޮފް ހެޑްސް އޮފް ގަވަރމަންޓް ޖަލްސާގައި އިންޑިއާގެ ދިފާޢީ ވަޒީރު ރާޖްނާތު ސިން؛ ވަނީ މި ފޯރަމާ ބެހޭ މަޢުލޫމާތު ޙިއްޞާކުރައްވައި، މެންބަރު ޤައުމުތަކަށް ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެސް.ސީ.އޯގެ ވެރިންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ޕާކިސްތާނުންނެވެ. މި ޖަމުޢިއްޔާގައި ބެލަރޫސް، ޗައިނާ، އިންޑިއާ، އީރާނު، ކަޒަކިސްތާން، ކިރްޤިޒިސްތާން، ޕާކިސްތާނު، ރަޝިޔާ، ތަޖިކިސްތާން، އަދި އުޒްބެކިސްތާން ހިމެނޭހެން 10 މެންބަރު ޤައުމު ހިމެނެއެވެ.

ހިއްސާ ކުރައްވާ!