ޖަލުގައި ބަންދުކޮށްފައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންގެ ޞިއްޙީ ޙާލުކޮޅު ސީރިއަސްވެ، އެކަހެރި ބަންދުގައި ބަހައްޓާތީ އެ ޤައުމުގެ އެންމެ މަތީ ކޯޓުތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފި އެވެ.
އަދިއާލާ ޖަލުގައި ބަންދުކޮށްފައި ހުންނެވި އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާންއާއި އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީގެ ޞިއްޙީ ޙާލުކޮޅު އިންތިހާއަށް ގޯސްވެ، ދިގު މުއްދަތަކަށް އެކަހެރި ބަންދުގައި ބަހައްޓަމުންދާތީ، އެ ދެކަނބަލުންނަށް ވަގުތުން ބޭސްފަރުވާގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދި ޕާކިސްތާނުގެ އެންމެ މަތީ ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށް ޢިމްރާން ޚާން ހުޅުވާލެވިފައިވާ ސިޓީއެއް ފޮނުއްވައިފިއެވެ.
ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓާއި، ސުޕްރީމް ކޯޓު އަދި އިސްލާމްއާބާދު ހައި ކޯޓުގެ އުއްތަމަ ފަނޑިޔާރުންނަށް މުޚާޠަބުކުރައްވައި ލިޔުއްވި މި ސިޓީ މީސް މީޑިއާގެ މަންސަ އެކްސްގައި އާންމުކުރެއްވީ ނޮވެމްބަރު 11 ވަނަ ދުވަހު ޖަލުގައި ޢިމްރާން ޚާންއާ ބައްދަލުކުރެއްވުމަށްފަހު އޭނާގެ ޤާނޫނީ ވަކީލު ބެރިސްޓަރ ސަލްމާން ސަފްދަރެވެ. އެ ސިޓީގައި ޢިމްރާން ޚާން ތުހުމަތުކުރައްވާފައިވަނީ ޖަލުގެ އިދާރާތަކުން ކޯޓުތަކުގެ އަމުރުތަކަށް ގޮންޖަހައި، އެ ދެކަނބަލުންނަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބޭފަދަ އެކަހެރި ބަންދެއްގައި ގެންގުޅެމުންދާ ކަމަށެވެ.
ޢުމުރުފުޅުން 74 އަހަރުގެ ޕާކިސްތާން ތަޙްރީކޭ އިންސާފް (ޕީޓީއައި) ގެ ބާނީ އޭނާގެ ސިޓީގައި ހާމަކުރައްވާފައިވާ ގޮތުގައި، ލޮލުގެ ނާރެއް ބެދުމުގެ ސަބަބުން އޭނާގެ ކަނާތު ލޮލުގެ ފެނުމުގެ 85 އިންސައްތަ ވަނީ ގެއްލިފައެވެ. މީގެ އިތުރުން، ފާއިތުވި ދުވަސްތަކުގައި އޭނާގެ ލޭގެ ޕްރެޝަރު 192 އަދި 193 އަށް މަތިވެފައިވާތީ، ސިކުނޑިއަށް ލޭ އެޅުމުގެ ނުވަތަ ހިތް ހުއްޓުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރައްވާ ކަމަށް ޢިމްރާން ޚާން ވިދާޅުވެއެވެ.
އަނބިކަނބަލުން ބުޝްރާ ބީބީގެ ޞިއްޙީ ޙާލުކޮޅާ މެދުވެސް ޢިމްރާން ޚާން ވަނީ ފުން ކަންބޮޑުވުމެއް ފާޅުކުރައްވާފައެވެ. އެގޮތުން، އޭޕްރީލް މަހު ލޮލުގެ ރެޓިނާ ނެއްޓުމާ ގުޅިގެން އޮޕަރޭޝަނެއް ކުރެއްވި ބުޝްރާ ބީބީއަށް މިހާރު ލޯ ހުޅުވާލުމަށާއި އައްޔަށް ބެލުމަށްވެސް އުނދަގޫފުޅުވާ ކަމަށް ސިޓީގައިވެއެވެ.
އިތުރު އޮޕަރޭޝަނެއް ނުކުރެވިއްޖެނަމަ އޭނާގެ ލޮލުގެ ފެނުން ދާއިމީކޮށް ގެއްލިދާނެ ކަމުގެ އިންޒާރު ދެއްވަމުން، ބުޝްރާ ބީބީގެ ޞިއްޙީ ރެކޯޑުތަކާއި ޑޮކްޓަރުންގެ ލަފާ ސަރުކާރުން ހިފަހައްޓަމުންދާ ކަމަށްވެސް ޢިމްރާން ޚާން ތުހުމަތުކުރެއްވިއެވެ.
ޖަލުގެ ޙާލަތު ބަޔާންކުރައްވަމުން ޢިމްރާން ޚާން ވިދާޅުވީ، ދުވާލަކު 22 ގަޑިއިރު ވަންދެން ފޮތެއް، ޓީވީއެއް އަދި އިންސާނެއްގެ އެއްވެސް މުޢާމަލާތެއް ނެތި އެކަހެރި ގޮޅިއެއްގައި އޭނާ ބަންދުކޮށްފައި ހުންނަ ކަމަށެވެ. އަދި އޭނާއާ ވާހަކަދެއްކުން ޖަލު ބަލަހައްޓާ ގާޑުންނަށްވެސް މަނާކޮށްފައިވާ ކަމަށާއި، ދަރިކަލުންނަށް ފޯނުން ގުޅުމަށާއި ވަކީލުންނާއި އާއިލާއާ ބައްދަލުކުރުމަށް ކޯޓުން ދީފައިވާ ހުއްދަތަކަށް ޖަލުގެ އިދާރާއިން ތަކުރާރުކޮށް ޚިލާފްވަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޝިފާ އިންޓަނޭޝަނަލް ހޮސްޕިޓަލަށް އޭނާ ބަދަލުކުރުމަށް އޮގަސްޓް 18 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ޢަމަލު ނުކޮށް ދޫކޮށްލާފައިވާ ކަމަށާއި، ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުތަކުގެ ސަބަބުން ޝަރުޢީ ނިޒާމުން ލިބެންޖެހޭ ރައްކާތެރިކަން ގެއްލިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ސިޓީ އާންމުވުމާއެކު ޢިމްރާން ޚާންގެ ދެ ދަރިކަލުން ކަމަށްވާ ޤާސިމްއާއި ސުލައިމާން ވިދާޅުވީ، މިއީ ހިތްދަތި އަދި ކަންބޮޑުވާންޖެހޭ ޚަބަރެއް ކަމަށާއި، އެ ބޭފުޅުންގެ ބައްޕަ އެދިވަޑައިގަންނަވަނީ ޚާއްސަ އިނާޔަތްތަކަކަށް ނޫން ކަމަށާއި އަސާސީ އިންސާނީ ޙައްޤުތަކަށް ކަމަށެވެ.
ޕާކިސްތާނުގެ ގާނޫނު ހަދާ ޤައުމީ މަޖިލީހާއި ސެނެޓްގެ އިދިކޮޅު ލީޑަރުން ވަނީ މިއީ މުޅި ޢަދުލު އިންޞާފުގެ ނިޒާމަށް ކުރިމަތިވެފައިވާ އިމްތިޙާނެއް ކަމަށް ސިފަކުރައްވައި، ޝަރުޢީ ދާއިރާއިން ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.
ނަމަވެސް، ޕާކިސްތާނުގެ ޕާލިމެންޓްރީ އެފެއާޒް މިނިސްޓަރު ޠާރިޤް ފަޟްލު ޗައުދަރީ ވަނީ ޢިމްރާން ޚާންގެ ތުހުމަތުތައް ދޮގުކުރައްވައި، އެއީ ޙަޤީޤަތާ ޚިލާފް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.
ޕީޓީއައިއިން ސިޔާސީ ޕްރޮޕެގެންޑާ ފަތުރަމުންދާ ކަމަށް ތުހުމަތުކުރައްވަމުން ވަޒީރު ވިދާޅުވީ، ޢިމްރާން ޚާންއަކީ ޕާކިސްތާނުގެ ޖަލުތަކުގައި އެންމެ ގިނައިން ޚާއްސަ އިނާޔަތްތައް ލިބޭ ގައިދީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން، އޭނާ އިޚްތިޔާރުކުރައްވާ ކެއުމާއި، ފޮތްތަކާއި ޓީވީ ބެއްލެވުމަށް ލިބިވަޑައިގަންނަވާ ކަމަށާއި، ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) އިން 8 ފަހަރު އަދި ލަންޑަންގެ ޚާއްސަ ޑޮކްޓަރަކުވެސް އޭނާ ބައްލަވައި، ޞިއްޙީ ޙާލުކޮޅާއި ލޭގެ ޕްރެޝަރު ރަނގަޅު ކަމަށް ޑޮކްޓަރުން ނިންމަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.






