ޖިއްދާ ޓަވަރު: ދުނިޔޭގެ އެންމެ އުސް އިމާރާތް

ދުނިޔޭގެ އެންމެ އުސް ބިލްޑިންގ، ޖިއްދާ ޓަވަރު ބިނާ ކުރުމުގެ ޚިޔާލު އެންމެ ފުރަތަމަ ހުށަހެޅުއްވީ ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް އަލް ވަލީދު ބިން ޠަލާލެވެ. އޭނާ ބޭނުންފުޅުވީ ދުނިޔޭގެ އެންމެ އުސް ޢިމާރާތް ސަޢޫދީ ޢަރަބިއްޔާގައި ބިނާ ކުރައްވާށެވެ.

ޖިއްދާ ޓަވަރުގެ ސީދާ އުސްމިނަކީ ކޮބައިކަން މަސްއޫލުވެރިން ހާމައެއް ނުކުރައްވައެވެ. އެއީ ސިއްރެކެވެ. ބޭނުމަކީ ވާދަވެރިންނަށް އެއަށް ވުރެން އުސް ޓަވަރެއް، އެ މަޝްރޫޢުގެ މަސައްކަތް ހިނގަމުންދާއިރު ބިނާ ކުރުމަށް ފުރުޞަތެއް ނުދިނުމެވެ.

ލަފާ ކުރެވެ ގޮތުގައި، ޖިއްދާ ޓަވަރު، އުސްމިނުގައި މޭލަކަށް ވުރެ އުސް ވާނެ އެވެ. ރިޕޯޓުތައް ބުނާ ގޮތުން، ފުރަތަމަ އެ އިމާރާތް ބިނާ ކުރުމަށް ހުށަހެޅިއިރު ޕްރިންސް ތަލާލް ގަސްތު ކުރެއްވީ އެއް މޭލުގެ އުސްމިނުގައި ބެހެއްޓެވުމަށެވެ. ފަހުން 2008 ވަނަ އަހަރުގެ މެއި މަހުގެ ފަހުކޮޅު އެ މަޝްރޫއު ހިންގަން ގަސްތު ކުރި ބިމުގައި ކުރިއަށް ގެންދިޔަ، ފަސްގަނޑުގެ ޓެސްޓުން އެނގުނީ އެ ބިމަކީ އެފަދަ އުސް އިމާރާތަކަށް އެކަށީގެންވާ ބިމެއް ނޫން ކަމަށެވެ.

މިހާރު އިމާރާތްކޮށްފައިވާ ބައިތަކުންވެސް ދޭހަވަނީ، ޖިއްދާ ޓަވަރު ނިމޭއިރު، އުސްމިން 1000 މީޓަރަށްވުރެ އިތުރެއް ނުވާނެ ކަމަށެވެ.

މި ބިލްޑިން ފަރުމާކޮށް ޑިޒައިން ކޮށްފައި ވަނީ އެޑްރިއަން ސްމިތެވެ. އޭނާއަކީ، މިހާރު ދުނިޔޭގައި ހުރި އެންމެ އުސް އިމާރާތް ކަމަށްވާ، ބުރުޖް ޚަލީފާގެ އިތުރުން ޗިކާގޯގެ ޓްރަމްޕް ޓަވަރު ވެސް ފަރުމާކޮށް ދިން ފަރާތެވެ.

2009ގައި ޖިއްދާ ޓަވަރުގެ މަސައްކަތް ފެށިނަމަވެސް މުޙައްމަދު ބިން ސަލްމާން، އެޤައުމުގެ އަމީރުންނާއި މުއްސަނދިން ހައްޔަރުކޮށްފައި ދުވަސްކޮޅަކަށް ގެންގުޅުއްވުމުގެ ސަބަބުން މަޝްރޫޢުގެ މަސައްކަތަށް ލަސްކަމެއް ކުރިމަތިވިއެވެ.

ނިއުސްވީކުން ޝާޢިއުކޮށްފައިވާ އާ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި ސަޢޫދީ ޢަރަބިއްޔާގައި ކުރިއަށްދާ ބޮޑެތި އިމާރާތްކުރުމުގެ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭން ޖިއްދާ ޓަވަރުގެ މަސައްކަތް ކުރިއަށްދާ ތަންވެސް ފެނެއެވެ.

ހިއްސާ ކުރައްވާ!