ބަނގްލަދޭޝްއަށް ކުރިމަތިވެފައިވާ ތެލުގެ ދަތިކަމުގެ ސަބަބުން، އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހުރި ޕެޓްރޯލް ޝެޑްތައް ކޮންމެ ވަގުތެއްގައިވެސް ބަންދުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ބަނގްލަދޭޝް ޕެޓްރޯލް ޕަމްޕް އޯނާސް އެސޯސިއޭޝަން (ބީޕީޕީއޯއޭ) އިން ދީފިއެވެ.
އެ ޖަމިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާދީއްތަ ދުވަހުގެ ރޭ އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، މުޅި ގައުމުގެ ޕެޓްރޯލް ޝެޑްތަކުގެ ހާލަތު މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ތެޔޮ ކުންފުނިތަކުން ދުވާލަކު ފޯރުކޮށްދޭ ތެލުގެ މިންވަރު ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް ނުލިބޭ ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.
މި ހާލަތާ ގުޅިގެން ބަނގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ސައިކަލް ދުއްވާ މިލިއަނަކަށްވުރެ ގިނަ މީހުންނަށް ތެޔޮ ހޯދުމަށް ގަޑިއިރުތަކެއް ވަންދެން ކިއޫގައި މަޑުކުރަން ޖެހިފައިވާ ކަމަށް ބީޕީޕީއޯއޭ އިން ބުނެއެވެ. "މީގެ ސަބަބުން އާންމުން ވަނީ ވަރަށް ބޮޑަށް ވަރުބަލިވެ، މާޔޫސްވެ އަދި ރުޅިގަދަވެފައި،" އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮންމެ ވަގުތެއްގައިވެސް ޚިދުމަތް މެދުކަނޑާލަން ޖެހިދާނެ ކަމަށް ބުނެ ދީފައިވާ މި އިންޒާރާއެކު، ބަނގްލަދޭޝްގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫތަކެއް އަރާފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.






