ދެޤައުމުގެ ގުޅުމުގެ ސަބަބުން ކޮންމެ ދުވަހަކު ރައްޔިތުންގެ ގުޅުމަށް ހެޔޮ ބަދަލުތައް އާދޭ: ޖަޔަޝަންކަރު

“އަޅުގަނޑުމެންގެ ގުޅުމުގެ ސަބަބުން، އާންމު ރައްޔިތު މީހާގެ ކޮންމެ ދުވަހެއްގެ ގުޅުމަށް ތަފާތު ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަން ފާހަގަ ކުރަން” މިއީ ފޮރިން މިނިސްޓްރީގައި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ދެއްވި ބަޔާނުގައި ރޭ ވިދާޅުވި ވާހަކައެވެ. އޭނާ އެކަން ފާހަގަ ކުރެއްވީ، ރައްޔިތުންނާއި ރައްޔިޔުންގެ ފެންވަރުގެ ގުޅުމަށް ބާރުއަޅާ މުހިންމު އެއްބަސްވުންތަކެއްގައި ދެ ޤައުމުގެ މަސްއޫލުވެރިން ސޮއިކުރެއްވުމަށްފަހުއެވެ.

އިންޑިއާއިން ވަނީ ރަށްރަށުގެ ރައްޔިތުންނާ ހަމައަށް ތަރައްޤީ ގެނަސްދިނުމުގެ ގޮތުން ސޮފްޓް ޑިޕްލޮމެސީގެ ދަށުން އިންޑިއާއިން ކުރާ މަސައްކަތަށް އަލިއަޅުވައި ލައްވާފައެވެ.

އެގޮތުން އެތައް ރަށެއްގައި ހައި އިމްޕެކްޓް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތައް ހިންގުމާއި މަގު ބައްތި ޖެހުމާއި މަގު ހެދުމާއި، ތަމްރީނު ދިނުން ފަދަ އެތައް ކަމެއް އިންޑިއާއިން ކުރިއަށް ގެންގޮސްފައިވާކަން ފާހަގަ ކުރައްވައި އެކަމަށް އިޝާރާތް ކުރެއްވިއެވެ.

އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކަކީ، ރާއްޖެއިން އިސްނަގައިގެން ހުށަހަޅާ ރާއްޖެއަށް އެކަށީގެންވާ މަޝްރޫޢު ތަކެއް ކަމަށާއި އިންޑިއާއިން ކުރާ މަސައްކަތަކީ، އެ މަޝްރޫޢުތައް ތަންފީޒު ކޮށްދިނުމުގެ މަސައްކަތް ކަމުގައި ޖަޔަޝަންކަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، “Imagined by Maldives, Delivered by India” މިފަދައިންނެވެ.

ރޭ ސޮއިކޮށްފައިވާ އެއްބަސްވުމުގެ ތެރޭގައި، އިންޑިއާގެ އެހީގައި ސިވިލް ސާވެންޓުން ތަމްރީނު ކުރުމަށް ހިންގާ ސިލްސާގެ އެއްބަސްވުން އަލުން އައުކުރުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން އިތުރު 1،000 ސިވިލް ސާވަންޓުން ތަމްރީންކުރުމަށް އިންޑިއާގެ، ނެޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް އެންޑް ސިވިލް ސާވިސް ކޮމިޝަން އާއެކު ރޭ ސޮއި ކުރިއެވެ.

އޭގެ އިތުރުން، އިންޑިއާގެ އެހީގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީ ޔުނިޓެއް ޤާއިމު ކުރުމާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓެއް ޤާއިމުކުރުމަށް ފަށާފައިވާ މަޝްރޫއުގެ ނިންމުން ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި އިހައްދޫ ސްކޫލާއި ހއ އެޑިއުކޭޝަން ސެންޓަރުގައި ޤާއިމް ކުރާ އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް ޤާއިމުކުރުމާއި ތ. ތިމަރަފުށި، ތ. ވޭމަންޑޫ، ގއ. ކޮނޑޭގައި މަގުބައްތި ހަރުކުރުމުގެ މަޝްރޫޢުގެ ނިމުންވެސް ވަނީ ފާހަގަ ކޮށްފައެވެ.

 

ހިއްސާ ކުރައްވާ!