އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް" ގެ ތިންވަނަ ފިޔަވަހީގެ ދަށުން ދިވެހިރާއްޖޭގައި 13 މަޝްރޫޢެއް ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 13 ފަހުމުނާމާގައި މިއަދު ސޮއިކޮށްފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.
"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕެމެންޓް" ސްކީމްގެ ތިންވަނަ ފިޔަވަހި އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރު އޮކްޓޫބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައެވެ.
މިއަދު ސޮއިކުރެވުނު ފަހުމުނާމާތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ޖުމްލަ އަގަކީ 100 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުތަކަކީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްޤީކޮށް، މުޅި ރާއްޖެ ގުޅުވާލުމަށް އެހީތެރިވެދޭނެ މުހިންމު މަޝްރޫޢުތަކެއް ކަމަށް ބެލެވެއެވެ.
މި ފަހުމުނާމާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަންއެވެ. އަދި މި މަޝްރޫޢުތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަލްފާޟިލް މުޙައްމަދު އަމީނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. ޚަލީލް ވިދާޅުވީ، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ މިފަދަ އެހީތަކަކީ ދިވެހި މުޖުތަމަޢުއަށް ފައިދާކުރަނިވި، ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް އަމާޒުކުރެވިފައިވާ، އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ މިސާލެއް ކަމަށެވެ. އަދި މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކަކީ މުޖުތަމަޢުގެ އުމްރާނީ ތަރައްޤީއަށާއި ބޭނުންތަކަށް ހައްލެއް ހޯދައިދީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ގޮތުން ދިގު މުއްދަތަކަށް ފައިދާލިބޭނެ މަޝްރޫޢުތަކެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވީ، މި މަޝްރޫޢުތަކުގެ ދަށުން ރާއްޖޭގެ 9 އަތޮޅެއްގެ 81 ރަށެއް ގުޅާލާ، ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ހައިކޮމިޝަނަރ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވީ މި މަޝްރޫޢުތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ ނަތީޖާއެއްގެ ގޮތުން ކުރިއަށްގެންދެވޭ މަޝްރޫޢުތަކެއް ކަމަށާއި، މި މަޝްރޫޢުތަކުން ދިވެހި ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ މައްޗަށެވެ.
މި ފަހުމުނާމާތަކުގެ ދަށުން ހިންގޭ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ސަރަޙައްދުތައް ގުޅުވާލުމަށާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދެވޭ މަޝްރޫޢުތަކެކެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވި، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަދި އިންޑިޔާއާއެކު މިއަދު ސޮއިކުރެވުނު ފަހުމުނާމާގެ ސަބަބުން މި ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި ތަކުރާރުކުރެއްވިއެވެ. އަދި މިނިސްޓަރ ވިދާޅުވި ގޮތުގައި ކުރިން މުޅި މަޝްރޫޢު 2027 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، މިއަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުތައް ނިންމާލެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިންޑިއާ ސަރުކާރާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑޮކްޓަރ އެސް. ޖައިޝަންކަރު ދެޤައުމުގެ ގުޅުން އިތުރަށް ކުރިއެރުވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅަށް ވެސް ޝުކުރު އަދާކުރެއްވިއެވެ. އަދި ހައި ކޮމިޝަނަރު ބަލަސުބަރަމާނިއަން އާއި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި އިންޑިއާ ހައިކޮމިޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.






