އިބްރާހިމް ފުޅަށް ލިބޭ އެއްޗަކަށް ވުރެން އޭނާގެ ޚަރަދުތައް އިތުރެވެ. ބިލުތައް ދެއްކުމަށްޓަކައި އަބަދުވެސް، ލިބޭ އާމްދަނީއަށް ވުރެން އިތުރަށް އޭނާއަށް ފައިސާ ހޯދަން މަޖުބޫރުވެއެވެ. ސަރުކާރުގެ މާލީ ޙާލަކީވެސް އިބްރާހީމް ފުޅުގެ ޙާލާ އެއްފަދަ ޙާލަތެކެވެ. އެހެންވެ، މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވަނީ ލިބޭ އާމްދަނީއަށް ވުރެން ދައުލަތުގެ ޚަރަދު އިތުރު ނުވާނެ ގޮތަކަށް، އަދި މިހާރު ހުރި ދަރަނިތައް އިތުރަށް ބޮޑު ނުވާނެ ގޮތަކަށް މާލީ ސިޔާސަތުތަކެއް އެކުލަވާލައްވާފައެވެ.
އެމަނިކުފާނު ވަނީ، އެ ވިސްނުންފުޅު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާ ޙިއްސާ ކުރައްވާފައެވެ.
މާލީ ވަޒީރުގެ ވިސްނުންފުޅަކީ، ދައުލަތުގެ ޚަރަދުތައް ކުޑަ ކޮށްފައި، ސަރުކާރަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތްތައް ތަފާތުކޮށްފައި، އާމްދަނީ އިތުރު ކުރުމެވެ. ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ވިސްނަވާފައި ވަނީ، ސަރުކާރުން ނަގާ ޓެކުހާއި ފީތައް ބޮޑު ކޮށްގެންނެވެ.
އާންމު ރައްޔިތުން ނުތަވަސް ވެދާނެތީ، މާލީ ވަޒީރު ޔަޤީންކަން ދެއްވަނީ ރައްޔިތުންނަށް ބުރަ ބޮޑުވާފަދަ އެއްވެސް ފިޔަވަޅެއް ނާޅުއްވާނެ ކަމަށެވެ. އަދި އަޅުއްވާ ފިޔަވަޅުތަކުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ނުކުރާ ގޮތަކަށް ކަންކަން ރާއްވަވާނެ ކަމަށެވެ. އެކަމުގެ ތަފްޞީލެއް ނެތެވެ.
ސަރުކާރުން، ބޮޑު ކުރަން ވިސްނާ ޓެކްސްގެ ތެރޭގައި އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ހިމެނެއެވެ. މިއީ ރާއްޖެއިން ފުރާމީހުން ދައްކާ ފީއެކެވެ. ވަޒީރު ވަނީ ދިވެހި ރައްޔިތުންނަށް މި ޓެކްސް ބޮޑު ކުރުމަކުން އަސަރެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ގްރީސް ޓެކްސް ބޮޑު ކުރާނެއެވެ. އަދި އޭގެ އިތުރުން ޞިއްޙަތަށް ގެއްލުންދޭ ބާވަތްތައް ކަމަށްވާ ސިގިރޭޓާއި ވޭޕާއި އެނާޖީ ޑްރިންކު ފަދަ ބާވަތްތަކުން ނަގާ ޓެކްސް އިތުރު ކުރާނެއެވެ. އޭގެ އިތުރުން، އިމްޕޯޓު ޑިއުޓީއާއި ޖިއެސްޓީ ނަގާ ގޮތްތައްވެސް މުރާޖަޢާ ކުރާނެއެވެ. އަދި ބޮޑެތި ކުންފުނިތަކުން ނަގާ ޓެކްސް ވެސް މުރާޖަޢާ ކުރާނެއެވެ. މިސާލަކަށް މުވާސަލާތީ ޚިދުމަތް ދޭ ކުންފުނިތަކުން ނަގާ ޓެކްސް މުރާޖަޢާ ކުރާނެއެވެ. ސަރުކާރުން ފަތުރުވެރިކަމަށް ކުއްޔަށް ދީފައި ހުރި ބިންތަކުން ނަގާ ކުލި ބޮޑު ކުރާނެއެވެ.
މިފިޔަވަޅުތަކުގެ މަޤްޞަދަކީ، އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކޮށް، ޓެކްސް ނަގާ އޮނިގަނޑު ފުޅާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމެވެ.
ދެން އޮތީ ފަހަށް ރައްކާ ކުރުމެވެ. އިޤްތިޞާދީ ލޮޅުންތައް ޤައުމަށް މެދުވެރިވާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. އެހެންވެ، އާންމު ފަރުދުންވެސް ފަހަށް ރައްކާކޮށްފައި ބަހައްޓާފަދައިން ސަރުކާރުންވެސް ފަހަށް ރައްކާ ކުރަން ޖެހެއެވެ. އެ ފައިސާ ސަރުކާރުން މި ބަހައްޓަނީ ސޮވްރިން ފަންޑްގައެވެ.
މާލީ ވަޒީރު ވަނީ ސޮވްރިން ފަންޑުގައި ފަހަށް ރައްކާ ކުރާ ފައިސާ އިތުރު ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ. މިފައިސާ އަކީ މުސްތަޤްބަލުގައި ދަރަނި ދެއްކުމަށްވެސް ދައުލަތުން ބޭނުން ކުރާނެ ފައިސާއެވެ. އެއާޕޯޓުން ފުރާ މީހުން ދައްކާ ފައިސާ ވަންނަނީ މި ފަންޑަށެވެ. މި ފަންޑުގައި ފައިސާ ހުންނާނީ ޑޮލަރުންނެވެ.
ދެން އޮތީ ދަރަނީގެ ވާހަކައެވެ! ރާއްޖޭގެ ދަރަނި ވަނީ އިންތިހާއަށް ބޮޑުވެގެން ގޮސްފައެވެ. ވިޔަފާރި ކުރަން ފަރުދުންވެސް ދަރަނި ނަގައެވެ. އެދަރަނިން ރައުސްމާލް އުފައްދައެވެ. ސަރުކާރުވެސް އެފަދައެވެ. ދަރަނި ނަގާނެއެވެ. އެއިން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިންގައި އެ މަޝްރޫޢުތަކުން އާމްދަނީގެ ގޮތުގައި އިތުރު ފައިސާ ހޯދާނެއެވެ.
އެކަމަކު ހުރިހައި ލޯނެއް އެއް ކަމަކަށް ނެގުން، ނޫނީ ހުރިހައި ލޯނު ފައިސާއިން އެއްކަމެއް ކުރުން، އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެއެވެ. ތަފާތު އެކި އެކި ދިމަދިމާއިން އާމްދަނީ ލިބެން ހުންނަ މަގުތައް ކޮށާފައި ބެހެއްޓުމަކީ މޮޅު އިތުރު ގޮތެކެވެ.
އެހެންވެ، އެކަމަށް ވިސްނާފައި މާލީ ވަޒީރު ދެކަމަށް ސަމާލުކަން ދެއްވައެވެ. އެއް ކަމަކީ ރާއްޖެއަށް ޑޮލަރު އިތުރަށް ވަންނާނެ ގޮތްތައް ހޯދުމެވެ. މަތީގައި މި ބުނެދެވުނު ފިޔަވަޅުތަކަކީ އެކަމަށް އަޅާ ފިޔަވަޅުތަކެކެވެ.
އަނެއްފިޔަވަޅަކީ، އާމްދަނީ ލިބޭނެ އައު ގޮތްތައް ހޯދުމެވެ. އެކަމަށް އާންމު ކޮށް ބޭނުންކޮށް އުޅެނީ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ވާހަކައެވެ.
ސަރުކާރުން ފަށަން އުޅޭ ބަންކަރިންގެ މަސައްކަތަކީ އެފަދަ މަސައްކަތެކެވެ. ރާއްޖޭގެ ބޭރުން ދަތުރު ކުރާ އާގު ބޯޓުތައް ރާއްޖޭގެ ސަރަޙައްދަށް ވަދެ ތެޔޮ އެޅުމާއި ފެން ބަރާކޮށް ދިނުމުގެ ޚިދުމަތް ދިނުމެވެ. މިއީ ބޮޑުކޮށް ބޭރު ފައިސާ ވަންނާނެ ކަމެކެވެ. ވިސްނާލާށެވެ! މާ ސިންގާ އާގު ބޯޓެއް ފުރެންދެން ތެޔޮ އަޅައި ދީފިނަމަ، އެ ލިބެނީ ކިތައް މިލިއަން ޑޮލަރު ހެއްޔެވެ؟ ކުރިން އާމްދަނީ ނުލިބޭ މަގެއް ފަހިވެގެން ދިޔައީ އެވެ.
ދަރަނީ ނަގާނެއެވެ. އެކަމަކު، ދަރަންޏަކީ ދެ ކޮޅު ޖެހޭ ގޮތަކަށް ހަމަޖައްސަން ޖެހޭނެ އެއްޗެކެވެ. ރާއްޖޭގެ ދަރަނި އުޅެނީ، 8 ބިލިއަން ޑޮލަރުގައެވެ. މިއީ މިހާރަށް އޮތް ޖުމުލަ ދަރަންޏެވެ. މި ދަރަނި، އަހަރުތަކަކަށް ބަހާލައިގެން ދައްކަން ޖެހެއެވެ.
މި ދަރަނި ދައްކަން ޖެހޭއިރު، ގަނޑުކޮށް އެއް ފަހަރާ 100 މިލިއަން ޑޮލަރު ދައްކަން ޖެހިދާނެއެވެ. އަދި އަނެއް ފަހަރު ގަނޑުކޮށް 500 މިލިއަން ޑޮލަރު ދައްކަން ޖެހިދާނެއެވެ. ކޮންމެ އަކަސް ކޮންމެ އަހަރަކު ދައްކަން ޖެހޭ އަދަދު 500 މިލިއަން ޑޮލަރަށް ވުރެން މަދެއް ނުވެއެވެ. ދާނީ އިތުރު ވަމުންނެވެ. އެގޮތުން 2026 ވަނަ އަހަރު، އެއް އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހޭނެއެވެ. ދުރާލައި ފިޔަވަޅު ނާޅައިފިނަމަ، އެކަން ވެގެންދާނީ، ބުރަ ބޮޑު ކަމަކަށެވެ. މިހާރު މި އަޅާ ފިޔަވަޅުތަކަކީ އެކަމަށް ރައްކާތެރި ފިޔަވަޅުތަކެވެ.
މާލީ ވަޒީރު ވަނީ އެމަނިކުފާނު އިޤްތިޞާދު ވިލަރެސް ކުރައްވާ ގޮތުގެ ތަޞައްވުރެއް ދެއްވާފައެވެ. އެގޮތުން ސަރުކާރަށް ލިބޭ އެއްޗަކާއި ސަރުކާރުން ކުރާ ޚަރަދުތައް އިތުރު ނުކުރުމަކީ މުހިންމު ފިޔަވަޅެކެވެ.
އެކަމަށް އަޅާ ފިވަޅެއްގެ ގޮތުގައި، ސަރުކާރުން ކުރާ ޚަރަދު، 1.1 ޕަސެންޓަށް ކުޑަ ކުރާނެއެވެ. އަދި ލިބޭ އެއްޗަކަށް ވުރެން ޚަރަދު ބޮޑު ނުކުރާނެއެވެ.
މިފިޔަވަޅުގެ މަޤްޞަދަކީ ކުރު ރާސްތާގައި، ޤައުމީ އުފެއްދުންތެރިކަމަށް ވުރެން ޖުމުލަ ދަރަނި ދަށް ކޮށްފައި ބޭއްވުމަށް މިސްރާބު ހިފުމެވެ.
މިހާރު ރާއްޖޭގެ ދަރަނި އުޅެނީ މި ޤައުމުން އުފައްދާ މިންވަރަށް ވުރެން، 122 ޕަސެންޓު އިތުރަށެވެ. އެހެންވެ، އެ 122 ޕަސެންޓު 95 ޕަސެންޓަށް ދަށް ކުރުމަކީ ކުރު ރާސްތާގައި ވަޒީރުގެ އަމާޒެކެވެ.
މިހިނގާ، 2024ގައި ޤައުމީ އުފެއްދުމުގެ ނިސްބަތުން 122.1 ޕަސެންޓްގައި ހުރި ދަރަނި 2026 ވަނަ އަހަރު 95 ޕަސެންޓަށް ދަށް ކުރެވޭނެ ކަމުގެ ޔަޤީންކަން އެބަ އޮތެވެ. އެގޮތަށް އިޤްތިޞާސީ ސިޔާސަތު ވިލަރެސް ކުރާއިރު، ދަރަނި އިތުރު ނުވާ ގޮތަށްވެސް ޚިޔާލު ބަހައްޓަމުން ގެންދާނެއެވެ. އެހެންވެ، ޤައުމީ އުފެއްދުމުގެ ނިސްބަތުން 5 ޕަސެންޓަށް ވުރެން ދަރަނި އިތުރުވިޔަ ނުދޭން މަސައްކަތް ކުރާނެއެވެ.
މި ގޮތަށް މި އިޞްލާޙި ފިޔަވަޅުތައް ނައަޅައިފިނަމަ، ޤައުމުގެ ދަރަނި، ދާނީ އިތުރު ވަމުންނެވެ. ލިބޭ އެއްޗަކާއި ޚަރަދު ފޫބެއްދުމަށް ކުރާ މަސައްކަތެއް ދެކޮޅެއް ނުޖެހޭނެއެވެ.
ސަރުކާރުން ދެކެނީ ދިގު ރާސްތާގައި، ރާއްޖެ އަނދަވަޅަކަށް ނުވެއްޓި، މި ފިޔަވަޅުތަކާއެކު ދަރަނި ކުޑަ ކުރެވި، އިޤްތިޞާދު ދުޅަހެޔޮ ކުރެވި، ދެމެހެއްޓެނިވި ގޮތަކަށް މާލީ ކަންކަން ހަމަޖެއްސިދާނެ ކަމަށެވެ.