މާރިޗު މަހުގެ ޖީ.ޑީ.ޕީ 8.88 ބިލިއަން ރުފިޔާއަށް އަރައިފި

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން މިހަފްތާގައި ޝާއިޢުކުރި މެއި މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުން އަންނަކަން ފާހަގަކުރެވެއެވެ. މި ރިޕޯޓުގައި މާރިޗު 2025ގެ ނިޔަލަށް އަންދާޒާ ކުރެވިފައިވާ ޖީ.ޑީ.ޕީ ހިމަނާފައިވެއެވެ.

މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން (ޖީ.ޑީ.ޕީ) 8.88 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 0.4 އިންސައްތައިގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިވަނީ ސަރުކާރުގެ އިދާރީ ކަންކަން ހިންގުމުގެ ދާއިރާއިންނާއި، ގޯތިގެދޮރުގެ ވިޔަފާރީގެ ދާއިރާ (ރިއަލް އެސްޓޭޓް) އަދި ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.

އިޤްތިޞާދީ ދާއިރާތަކުން ޤައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރަށް ބަލާއިރު، މިއަހަރުގެ މާރިޗު މަހުގެ ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެއީ 24.1 އިންސައްތައެވެ. ދެވަނަ އަދި ތިންވަނައަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކާއި (13.1 އިންސައްތަ) އަދި ގޯތިގެދޮރުގެ ވިޔަފާރީގެ ދާއިރާއިން (9.0 އިންސައްތަ) ނެވެ.

މި ތަފާސްހިސާބުތަކަކީ ޤައުމުގެ އިޤްތިޞާދަށް އަންނަ ބަދަލުތައް އަވަސް މިނެއްގައި މަހުން މަހަށް ދައްކުވައިދޭ މުހިންމު މިންގަނޑެކެވެ. މި މަޢުލޫމާތުތަކަކީ ޤައުމުގެ ސިޔާސަތުތައް ބައްޓަންކުރުމަށާއި ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާ އިޤްތިޞާދީ މުހިންމު މަޢުލޫމާތު އަވަސް މިނެއްގައި ފޯރުކޮށްދޭ ވަސީލަތެކެވެ.

ހިއްސާ ކުރައްވާ!