ދައުލަތުގެ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، ހިންގުމުގެ ހަރަދުތަކާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ކުރާ ޚަރަދުތައް އިތުރުވުމުގެ ސަބަބުން ދައުލަތުގެ ރިކަރަންޓް ހަރަދު ވަނީ 20.2 އިންސައްތައިގެ އިތުރު ވުމަކާއެކު 23.9 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މިނިސްޓްރީ އޮފް ފައިނޭންސްގެ ވިކްލީ ފިސްކަލް ރިޕޯޓުގެ ތަފްސީލުތަކުން އެނގޭ ގޮތުގައި، ހަރަދުތައް މައްޗަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ އެހީއާއި ސަބްސިޑީގެ ގޮތުގައި ދޫކުރެވޭ ފައިސާގެ މިންވަރު 43.3 އިންސައްތައިން އިތުރުވެ، 7.8 ބިލިއަން ރުފިޔާއަށް އުފުލިގެން ދިއުމެވެ.
- ސަބްސިޑީގެ ޚަރަދު: 3.2 ބިލިއަން ރުފިޔާ (↑ 75.7%)
- އާސަންދަ ޚަރަދު : 1.3 ބިލިއަން ރުފިޔާ (↑ 17.2%)
- މުސާރައާއި ޕެންޝަން: 9.4 ބިލިއަން ރުފިޔާ (↑ 11.2%)
- ކެޕިޓަލް ހަރަދު (އުމްރާނީ) 3.4 ބިލިއަން ރުފިޔާ (↑ 7.0%)
އިދާރީ ޚަރަދާއި އުމްރާނީ ތަރައްގީ
ސަރުކާރު ހިންގުމާއި އިދާރީ ހަރަދުތައް 26.3 އިންސައްތައަށް އިތުރުވެ 14.4 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ހަރަދުގެ ތެރެއިން އިމާރާތްތަކާއި ބިމަށް ކުރި ޚަރަދު ވަނީ 57.9 އިންސައްތަ އިތުރުވެ، 1.1 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ފާލަމާއި ބަނދަރުތައް ފަދަ އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދުތައްވެސް ވަނީ ފާއިތުވި އަހަރަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ.
މި ހިސާބުތަކުން ސާފުވަނީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދިޔަ ނަމަވެސް، އިޖުތިމާއީ ސަބްސިޑީއާއި އުމްރާނީ މަޝްރޫއުތަކަށް ކުރެވޭ ހަރަދު ކޮންޓްރޯލްކުރުމަކީ ކުރިއަށް އޮތް ތަނުގައި ފިސްކަލް އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރަށް ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމެވެ.







