ޗައިނާގެ ސާވޭ ބޯޓެއް ހޮނިހިރު ދުވަހު ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ވަނުމުން އެކަމާ ދެކޮޅަށް ޗައިނާގެ އެމްބަސީ މެދުވެރިކޮށް ރަސްމީ އިޙުތިޖާޖެއް ހުށަހަޅައިފި ކަމަށް ޖަޕާނުގެ ޚާރިޖީ ވުޒާރާއިން ބުނެއެވެ.
ޖަޕާނުގެ ހުޅަނގު ދެކުނުގެ ކަގޯޝިމާ ޕްރިފެކްޗާ ކައިރިން ހެނދުނުގެ ވަގުތެއްގައި ޗައިނާގެ ބޯޓު ފެނުމުން ޖަޕާނު ޑިފެންސް މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޖަޕާނުގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި އެގައުމުގެ ގަޑިން ހެނދުނު 6 ޖެހިތަނާ ސަރަހައްދު ތެރެއަށް ވަން ބޯޓު ފުރައިގެން ދިޔައީ ހެނދުނު 8 ޖަހާކަންހާއިރު އެވެ.
ޖަޕާނުގެ ޢަސްކަރީ އުޅަނދުތަކުން އެ ބޯޓު މޮނިޓަރ ކުރަމުން ދިޔަ ކަމަށް ބުންޏެވެ. ފަހަކަށް އައިސް ޖަޕާނުގެ ކަނޑުގެ ސަރަޙައްދުތަކާއި ވައިގެ ސަރަޙައްދު ވަށައިގެން ޗައިނާއިން ޙަރަކާތްތެރި ވާން ފަށާފައި ވެއެވެ.
ޗައިނާގެ ޢަމަލުތަކުގެ ސަބަބުން ޖަޕާނުގެ ޑިފެންސް އޮފިޝަލުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާއިރު، ޗައިނާއާއި ރަޝިޔާ އިންވެސް ގުޅިގެން ސަރަހައްދާ ކައިރީގައި އަސްކަރީ ތަމްރީންތައް ބާއްވައި ހަދައެވެ.
ހޯމަ ދުވަހުވެސް ޗައިނާގެ އަސްކަރީ މަތިންދާބޯޓެއް ޖަޕާނުގެ ހުޅަނގު ދެކުނު ވައިގެ ސަރަޙައްދަށް ކުޑައިރުކޮޅަކަށް ވަދެފައި ވެއެވެ. އެމައްސަލާގައިވެސް ޖަޕާނުން ވަނީ ޗައިނާއާ ދެކޮޅަށް އިޙުތިޖާޖު ކޮށްފައެވެ. އެއީ ޖަޕާނުގެ ވައިގެ ސަރަޙައްދުން ޗައިނާގެ އަސްކަރީ މަތިންދާބޯޓެއް ޖަޕާނުގެ ސިފައިންނަށް ފެނުނު ފުރަތަމަ ފަހަރެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ލިން ޖިއާން އަންގާރަ ދުވަހު ވިދާޅުވީ ޗައިނާއިން އެއްވެސް ޤައުމެއްގެ ވައިގެ ސަރަހައްދަށް ވަނުމުގެ “އެއްވެސް ވިސްނުމެއް” ނެތް ކަމަށެވެ.