އިންޑިއާ ރުޅިއަރުވާލުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރިގޮތެއް ނޫން: ޖަރުމަންގެ ޑީޑަބްލިއު

ދިވެހިރާއްޖެއާއި އިންޑިއާއިން ގުޅުން އަލުން ރިބޫޓު ކުރަނީ ތޯ، ޖަރުމަންވިލާތުގެ މައި ނޫސް އެޖެންސީ ޑީޑަބްލިއުއިން ބުނެފިއެވެ. އެ ނޫހުން އިއްޔެ އެކުލަވާލި ރިޕޯޓުގައި އަލިއަޅުވާފައި ވަނީ ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ވަޑައިގަންނަވާނެ ކަމަށް ދިވެހި ސަރުކާރުން ކޮށްފައިވާ އިޢުލާނާ ބެހޭ ގޮތުންނެވެ.

ޑީޑަބްލިއުގައި ބުނެފައި ވަނީ އާދަވެގެން އިންޑިއާ އަކީ ރާއްޖޭގެ ރަޙުމަތްތެރިއެއް ކަމަށެވެ. ނަމަވެސް އިންޑިއާ އައުޓު ކެމްޕޭންގެ ސަބަބުން ދެޤައުމުގެ ގުޅުން ހީނަރުވުމާއި މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު، އިންޑިއާގެ ބޮޑު ވަޒީރަށް މަލާމާތްކޮށް އިންޑިއާއާ ދެކޮޅަށް ހިންގާފައިވާ ކެމްޕޭންގެ ސަބަބުން އިންޑިއާ އެކު އޮންނަ ގުޅުން ގޯސްވީ ކަމަށެވެ.

އިންޑިއާއާއެކު އެކުލަވާލާފައިވާ ބައެއް އެއްބަސްވުންތައް ރާއްޖެއިން އުވާލުމާއި، މޭ މަހު ޗައިނާއާއެކު އަސްކަރީ އެއްބަސްވުމެއް އެކުލަވާލުމާއި ބުލީނުކުރެވެނެ ކަމަށް ރައީސް ވިދާޅުވި ވާހަކަތަކަށްވެސް އެރިޕޯޓުގައި ވަނީ  އަލިއަޅުވާލާފައެވެ.

އިންޑިއާގެ މިނިވަން އަމިއްލަ ރިސާޗް ފޯރަމް، މަންތްރާޔާގެ ޝާންތީ މޭރިއޭ ޑިސޫޒާއާ ހަވާލާ ދީ ބުނެފައި ވަނީ މިހާރު ކުރިއަށްދާ ވާހަކަތަކުން، އަދި ދެ ޤައުމުގެ ގުޅުން ކުރިން އޮތް ގޮތަށް އެއްކޮށް ބަދަލުވީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވިގޮތުގައި ރާއްޖެއިން މަސައްކަތް ކުރަނީ ޗައިނާއާއި އިންޑިއާއާ ދެމެދު ހަމަހަމަ ގުޅުމެއް ގެންގުޅެވޭތޯއެވެ.

“ފަތުރުވެރިންގެ ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ލަކްޝަދީޕް ޕްރޮމޯޓް ކުރެއްވުމުން މޯދީއަށް މަލާމާތް ކުރި ދެ ޖޫނިއާ މިނިސްޓަރުން އިސްތިއުފާ ދިނުމުން، މުއިއްޒު ދައްކަވަން ބޭނުންފުޅު ވަނީ ނިއުދިއްލީއާ އެކު ދުޅަހެޔޮ ގުޅުމެއް ބާއްވަން އޭނާގެ ސަރުކާރުން ބޭނުންވާ ކަމުގެ އިޝާރާތެއް. އެކަމަކު އެއީ ޗައިނާއަށް ތާއީދުކުރުން ދޫކޮށްލުމުގެ ބަދަލުގައި ކުރާނެ ކަމެއް ކަމަކަށް ނުބެލެވޭ” ޑިސޫޒާ އިތުރަށް ބުންޏެވެ.

އެރިޕޯޓުގައި ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން، މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރި ދަށްކުރުމަށްވެސް އަލިއަޅުވާފައި ވެއެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖަޔަޝަންކަރު ވިދާޅުވި ވާހަކަތަކާ ޙަވާލާދެމުން ބުނެފައި ވަނީ ރާއްޖެއަކީ އިންޑިއާއަށް މުހިންމު ބައިވެރިއެއް ކަމަށް އިންޑިއާ ސަރުކާރުން ދެކޭ ކަމަށެވެ.

ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގެ ސައުތު އޭޝިއަން ސްޓަޑީޒް ޕްރޮފެސަރ ޕީ ޝަހަދޭވަންއާ ޙަވާލާދީ ބުނެފައި ވަނީ ޗައިނާއާއެކު އޮންނަ ގުޅުން ކުޑަ ކުރުމަކާ ނުލައި ރާއްޖޭން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތަށް ބަދަލެއް ގެނަސްފައިޥާ ކަމަށާއި އެ ބަދަލަކީ، އިޤްތިޞާދީ ސަބަބާ ހެދި ގެނަސްފައިވާ ބަދަލެއް ކަމަށާއި ކުރިމަގުގައި ރާއްޖޭގެ ސިޔާސަތު ވަޒަން ކުރެވޭނީ ޗައިނާގެ ފިއްތުންތަކާއި ޗައިނާއަށް ސަޕޯޓު ކުރާ ފަރާތްތަކާއި އިސްލާމީ ހަރުކަށި ޚިޔާލުގެ މީހުންގެ ފުށުން ދިމާވާ ފިއްތުންތައް ބެލެންސް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުން ކަމަށެވެ.

“އިންޑިއާއަކީ ރާއްޖެއަށް ދިމާވާ ކޮންމެ ކާރިސާއެއްގައި އަވަހަށް އެހީދޭން ތައްޔާރަށް އޮންނަ ރާއްޖެ ސަލާމަތް ކޮށް ދޭ ހަމައެކަނި ގައުމު. މިހާރު ދިމާވެފައިވާ އެފަދަ އަނެއް ކާރިސާއަކީ ކުރިއަށް އޮތް ދުވަސްތަކުގައި ލޯނު ދެއްކުމަށް ދިމާވެފައިވާ ބުރަ. އެހެންވެ، މި ފައްތަރުގައި އިންޑިއާ ރުޅިއަރުވާލުމަކީ ރާއްޖެއަށް އެންމެ ފައިދާ ހުރިގޮތެއް ނޫން” ތަޖުރިބާކާރު ޑިޕްލޮމެޓް އަނިލް ވާޑާއާ ހަވާލާދީ ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!