ކެނެޑާ މަސްތުވާތަކެތީގެ ވިޔަފާރި ގެ ބޮޑު މަރުކަޒަކަށް ވެފައިވަނީ، އެ ޤައުމު އޮންނަ ސްޓްރެޓެޖިކް ލޮކޭޝަނާއި ދަތުރުފަތުރުގެ ނެޓްވޯކްތަކުގެ ސަބަބުންނެވެ. މިއީ ޗައިނާ، މެކްސިކޯ، އަދި ކޮލަމްބިއާ ފަދަ ގައުމުތަކުން ގިނަ ފަހަރަށް އެތެރެކުރާ މަސްތުވާތަކެތި ކަމަށްވާ ފެންޓަނައިލް، ހެރޮއިން، އަދި ކޮކެއިން ފަދަ ނުރައްކާތެރި މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބެލެވޭ ޤައުމެކެވެ.
އޭޕްރީލް 2021 ގައި ހިނގި އޮޕަރޭޝަނެއްގައި، އޮންޓޭރިއޯގެ ބްރެމްޕްޓަންގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގަމުން ގެންދިޔަ އިންޑޯ-ކެނެޑީއަން ޓްރެފިކިން ނެޓްވޯކެއް ރޫޅާލައިފައިވެ އެވެ. މި އޮޕަރޭޝަނުގައި 28 ފަރާތެއް ހައްޔަރުކޮށްފައިވެއެވެ.
އޭގެ ތެރެއިން ގިނައީ އިންޑިއާއަށް އުފަން ޕަންޖާބީ ދަރިކޮޅުގެ ފިރިހެނުންނެވެ. އެ އޮޕަރޭޝަނުގައި ކަމާބެހޭ ފަރާތްތަކުން 2.3 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގަނެފައި ވެއެވެ.
އޭގެ ތެރޭގައި 10 ކިލޯ ކޮކެއިން، 8 ކިލޯ ކެޓަމިން، 3 ކިލޯ ހެރޮއިން، ހިމެނެއެވެ. މީގެ އިތުރުން ފުލުހުން ވަނީ 48 ބަޑި އަދި 730،000 ޑޮލަރުގެ ފައިސާ އަތުލައިގެންފައެވެ.
އިންޑިއާ ދަރިކޮޅުގެ ކެނެޑާގެ އޯގަނައިޒްޑް ކްރައިމް ގްރޫޕްތަކުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިންޑިއާއަށް އުފަން މީހުންގެ ދަރިންނާއި ފުރާވަރަށް އަރާ ކުދިންނެވެ. މި ގްރޫޕްތަކުގެ ގިނަ މެމްބަރުންނަކީ ދެވަނަ އަދި ތިންވަނަ ޖީލުގެ ޕަންޖާބީ-ކެނެޑާ މީހުން ކަމަށް ވެއެވެ.
މި ގްރޫޕްތަކަކީ 1990 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ހަރަކާތްތެރިވާ ޖަމާއަތްތަކެކެވެ. ޚާއްޞަކޮށް މިއީ ބްރިޓިޝް ކޮލަމްބިއާ ގައި ނަންހުތުރު ޖަމާޢަތްތަކެކެވެ.
ކެނެޑާގައި ގޭންގްތައްވެސް ހިންގަނީ މިމީހުންނެވެ. ޕަންޖާބީ-ކެނެޑާގެ ގޭންގް ސަގާފަތުގެ ނަން މަޝްހޫރު މީހެއްގެ ގޮތުގައި ބެލެވޭ ޖޯހަލް ވަނީ 1998 ވަނަ އަހަރު މަރާލާފައެވެ. އަދި މަސްތުވާތަކެތީގެ ބޮޑު ސްމަގްލަރެއް ކަމަށްވާ އިންޑިއާ ދަރިކޮޅުގެ ޗީމާ އަކީ މަސްތުވާތަކެތީގެ މައްސަލާގައި އެމެރިކާއާ ހަވާލުކުރުމަށް އެދުނު މީހެކެވެ. ކެނެޑާއިން އޭނާ ހަވާލު ކުރުމާ ދެކޮޅަށް ދިހަ އަހަރު ދުވަހުގެ ގާނޫނީ ހަނގުރާމައެއް ކޮށްފައި ވެއެވެ. ނަމަވެސް ފަހުން 2012 ވަނަ އަހަރު އޭނާ ވަނީ ބަޑިޖަހައި މަރާލާފަ އެވެ.
މިހާރުވެސް ވެސް ޕަންޖާބީ މާފިއާ އިން ދަނީ ވެންކޫވަރުގައި ހަރަކާތްތެރި ވަމުންނެވެ.




