މޮދީއަށް އެމެރިކާއަށް އަތެއް ދިއްކޮށް ލެވިދާނެބާ؟

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ޑޮނަލްޑް ޓްރަމްޕް އަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި މޮދީ ވެވަޑައިގަތީ، ޓްރަމްޕަށް ތަހުނިޔާ ވިދާޅުވި، ދުނިޔޭގެ ފުރަތަމަ ލީޑަރުންގެ ތެރޭގައެވެ. ޓްރަމްޕްގެ ފުރަތަމަ ދައުރުގައި ދެ ލީޑަރުންގެ މެދުގައި ގާތް ގުޅުމެއް ބާއްވަވާފައި ވެއެވެ.

ދެ ސިޔާސީ ލީޑަރުންގެ މެދުގައި އޮންނަ މި ވަރުގަދަ ގުޅުން އުފެދިފައިވަނީ ޗައިނާގެ ނުފޫޒާ ދެކޮޅަށް ދެ ގައުމުން ގެންގުޅޭ ސިޔާސަތުންނެވެ.

އިންޑިއާ އާއި އެމެރިކާގެ ޕާޓްނަޝިޕަކީ މި ސަރަހައްދުގައި ޗައިނާގެ ބާރުގަދަކަމާ ދެކޮޅަށް މަސައްކަތްކުރުމުގައި ވަރަށް މުހިންމު ޕާޓްނަޝިޕެއް ކަމަށް އިންޑިއާގެ މީޑިއާއިން ބުނެއެވެ. ނަމަވެސް އެމީހުންގެ ގާތް ގުޅުންތަކުގެ ސަބަބުން މިއަށްވުރެ ބޮޑު މައްސަލައަކަށް ވެސް ހައްލެއް ލިބިދާނެ ކަމަށް ބެލެވެއެވެ. އެއީ، ޗައިނާއިން ދަނީ ދުނިޔޭގެ ދެކުނު ބިތުގައި ނުފޫޒު ގަދަކޮށް، އެމެރިކާ ފަނޑު ކުރަމުންނެވެ.

އެފްރިކާ، އޭޝިއާ، އަދި ލެޓިން އެމެރިކާގެ ގިނަ ގައުމުތަކުން ދަނީ ރަޝިޔާ، ޗައިނާ އަދި ހުޅަނގުން ނޫން އެހެން ގައުމުތަކާ ގުޅިގެން ތަރައްގީއަށް މަސައްކަތް ކުރަމުންނެވެ.

މިއީ ހުޅަނގުން ދުނިޔޭގެ ދެކުނުގެ ޤައުމުތަކަށް އިހުމާލުވުމުން، ރަޝިޔާ އާއި ޗައިނާ ފަދަ ގައުމުތަކަށް ކުރި ހޯދައި ފިޔަވަޅު އެޅުމުގެ ފުރުސަތުތައް އުފެދިގެން ދިއުމުން ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ބުނެ އެވެ.

މިސާލަކަށް އެމެރިކާ އަފްޣާނިސްތާނުން ބޭރުވުމާއި ފްރާންސް މާލީ އިން ނުކުތުމުން ސަލާމަތީ ގޮތުން ހުރި ހުސްތަންތަން ވަރަށް އަވަހަށް ފޫ ބައްދައި ދިނީ ރަޝިޔާގެ ވެގްނަރ ކުލީ ސިފައިން އެވެ. އެފްރިކާގައި ރަޝިޔާގެ ނުފޫޒު ބޮޑުވެފައިވަނީ ސްޓްރެޓެޖިކް އިއްތިހާދުތަކުގެ ތެރެއިންނެވެ. ރަނާއި ޑައިމަންޑް އަދި ޔޫރޭނިއަމް ފަދަ އަގުހުރި ވަސީލަތްތައް ހޯދުމުގެ ބަދަލުގައި ރަޝިޔާއިން ވަނީ ވެރިކަންތައް ދަމަހައްޓައިދީ ޤައުމުތަކަށް ރައްކާތެރިކަން ފޯރުކޮށްދީފައެވެ.

މި ކަންތައްތަކުގެ ސަބަބުން އެމެރިކާއާއި އެމެރިކާގެ އެކުވެރި ގައުމުތަކުން ދެކުނުގެ ގައުމުތަކުގައި ނުފޫޒު ދެމެހެއްޓުމަށް ގެންގުޅޭ އުސޫލުތަކާ މެދު އަލުން ވިސްނަން ޖެހޭކަން ހާމަވެގެންދެއެވެ. އިންޑިއާ އާއި އެމެރިކާގެ ޕާޓްނަޝިޕް ހަރުދަނާވަމުންދާއިރު، މި ގެއްލިފައިވާ ބިންގަނޑުގެ ބައެއް އަލުން ހޯދުމުގެ ފުރުސަތު އޮވެދާނެ އެވެ.

ހިއްސާ ކުރައްވާ!