އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހު ހުކުރު ދުވަހު ޖާރުކަންދަށް ކުރެއްވި ދަތުރުފުޅުގައި ބަނގްލަދޭޝާ ދެކޮޅަށް ދެއްކެވި ވާހަކަތައް ބަންގްލަދޭޝްއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިހުތިޖާޖު ކޮށްފިއެވެ.
ބަނގްލަދޭޝްއިން އިހުތިޖާޖުގެ ނޯޓު ހަވާލުކޮށްފައި ވަނީ ޑާކާގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރާ އެވެ. އިންޑިއާއިން ބުނެފައި ވަނީ ޝާހްގެ ވާހަކަތަކުން ފުން އަސަރެއް ކޮށް ނުތަނަވަސްކަން އުފެދިފައިވާ ކަމަށާއި އިއުތިރާޒް ކުރެވޭ އަދި ޤަބޫލު ނުކުރެވޭ ފަދަ ވާހަކަތައް ނުދެއްކެވުމަށް އިންޑިއާ ސަރުކާރުން ސިޔާސީ ލީޑަރުންނަށް ނަޞޭހަތްތެރިވުމަށް ބަންގްލަދޭޝްއިން އެދޭ ކަމަށެވެ. އަދި ޒިންމާދާރު މަޤާމެއްގައި ހުންނެވި ފަރާތެއްގެ އެފަދަ ބަސްމަގަމުން އަވަށްޓެރިކަމުގެ ގުޅުމަކުން ބަނދެވިފައިވާ ރަޙުމަތްތެރި ދެ ޤައުމުގެ ދެމެދުގެ އެކުވެރިކަމަށްވެސް އަސަރު ކޮށްފާނެ ކަމަށެވެ.
ހުކުރު ދުވަހު ޖަރްކަންދުގައި ވާހަކަ ދައްކަވަމުން އަމިތު ޝާހް ވަނީ އެސްޓޭޓްގައި ވެރިކަން ކުރާ ބީޖޭޕީގެ ވާދަވެރި ޖޭއެމްއެމް ސަރުކާރަށް ބަހުގެ ހަމަލަތައް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ޖޭއެމްއެމް އަކީ ބަންގްލަދޭޝްއިން ވަގަށް އެސްޓޭޓަށް ވަނުމަށް މަސައްކަތް ކުރާ މީހުންނަށް ހިތްވަރުދޭ ޕާޓީއެއް ކަމަށެވެ. އަދި އެކަމާ މެދު ފިޔަވަޅެއް ނާޅައިފިނަމަ، ކުރިއަށް އޮތް 25-30 އަހަރު ތެރޭގައި ގަވާއިދާ ޚިލާފަށް ވަގަށް ވަންނަ މީހުން އެ ސްޓޭޓުގެ ބައިގިނަ މީހުންނަށް ވެގެން ހިނގައިދާނެ ކަމަށެވެ.
“މިފަސްގަނޑަކީ ގަބީލާތަކުގެ މީހުންގެ ބިމެއްތޯ ނުވަތަ ރޮހިންގާ އާއި ބަންގްލަދޭޝް އިން ވަގަށް ވަދެގަންނަ މީހުންގެ ބިމެއްތޯ އަޅެ، ބުނެ ދީބަލަ! އެއްވެސް މީހަކަށް ޖަރުކަންދު ސަލާމަތެއް ނުކުރެވޭނެ، ޖޭއެމްއެމް އަށް ވެސް އަދި ކޮންގްރެސް އަށް ވެސް. އެކަމުން ޖަރްކަންދު ސަލާމަތް ކުރެވޭނީ ހަމައެކަނި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް.” ޝާހް ވިދާޅުވިއެވެ.
އަމިތު ޝާހަކީ މީގެ ކުރިންވެސް އެއްފަހަރެއްގައި ބަނގްލަދޭޝް މީހުން ބަނޑަށް ޖެހިފައިވާ ކަމަށް އިންތިޚާބުގެ ދުވަސްވަރު ވިދާޅުވެގެން ބަނގްލަދޭޝްއިން އޭނާއަށް ފާޑު ކިޔާފައިވާ ބޭފުޅެކެވެ.