ޗައިނާގެ އީވީއަށް ޑިއުޓީ ބޮޑުކޮށްފިނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޗައިނާއިން ދީފި

ޔޫރަޕްގެ ޖަމާއަތުން ބުނަނީ ޗައިނާ ސަރުކާރުން ސަބްސިޑީ ދިނުމުގެ ސަބަބުން ޗައިނާގައި އުފައްދާ އިލެކްޓްރިކް އުޅަނދުތައް (އީވީ) ޔޫރަޕްގައި ވިއްކާއިރު ޔޫރަޕްގެ އުފެއްދުންތަކަށް ޗައިނާ އުފެއްދުންތަކާ ވާދަ ނުކުރެވޭ ކަމަށެވެ.

އެކަމާ ގުޅިގެން ޔޫރަޕްގެ ޖަމާޢަތުން ވަނީ ޗައިނާގެ އީވީ އަށް ނަގާ ޓެކްސްއާއި ޑިއުޓީ އިތުރުކުރާނެ ކަމުގެ އިންޒާރު ދީފައެވެ. ޔޫރަޕްގެ ޖަމާޢަތުން ޑިއުޓީ ބޮޑު ކުރުމަށް ނިންމާފައިވާ ތާރީޚަކީ މިއަދަށެވެ. ނަމަވެސް ވިޔަފާރި ދެބަސްވުން ހައްލު ކުރުމަށް އެންމެ ފަހު ވަގުތާ ހަމައަށް ޔޫރަޕްގެ ޖަމާޢަތާއި ޗައިނާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ދެ ފަރާތުން ވަނީ ދެ ބުރުގެ މަޝްވަރާތައް ބާއްވާފައެވެ. ނަމަވެސް މައްސަލަ ހައްލު ކުރުމާ ގާތަކަށްވެސް ނާދެއެވެ.

ޗައިނާއިން ބުނެފައި ވަނީ ޔޫރަޕުން ޗައިނާގެ އީވީއާ ދެކޮޅަށް ފިޔަވަޅު އަޅާނަމަ، ޗައިނާއިން ވިސްނަންވީ އީޔޫގައި ޗައިނާގެ އީވީތައް އުފައްދާށެވެ.

އޭގެ އިތުރުން ޗައިނާ އިން ބުނެފައި ވަނީ ޗައިނާގެ އީވީއަށް ނަގާ ޑިއުޓީ ބޮޑުކޮށްފިނަމަ، ޗައިނާއަށް ޔޫރަޕުން އިމްޕޯޓު ކުރާ ސާމާނަށް ނަގާ ޑިއުޓީ ބޮޑު ކުރާނެ ކަމަށެވެ. އެގޮތުން ޑިއުޓީ ބޮޑު ކުރާނެ އެއް އައިޓަމަކީ ބްރޭންޑީއެވެ. ފްރާންސްގައި ލައްކައަކާ ގާތް ކުރާ އަދަދަކަށް މީހުންނަށް ވަޒީފާދީފައިވާ މި ދާއިރާގެ އުފެއްދުންތަކުގެ 60 އިންސައްތަ އެތެރެ ކުރަނީ ޗައިނާއިންނެވެ. ޗައިނާއިން ޑިއުޓީ ބޮޑު ކޮށްފިނަމަ ފްރާންސްގެ އުފެއްދުން ދަށްވެ، މީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ. އެހެންވެ ފްރާންސްގައި ބްރެންޑީ އުފައްދާ މީހުން ވަނީ އެމީހުންގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މުޒާހަރާ ފަށާފައެވެ. އެމީހުންގެ އެދުމަކީ ޗައިނާގެ އީވީއަށް ޔޫރަޕުން ޑިއުޓީ ބޮޑު ނުކުރާށެވެ.

ހިއްސާ ކުރައްވާ!