ޕާކިސްތާނުން ޕޯލިއޯއާ ދެކޮޅަށް ކުރަމުން ދިޔަ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދިނުން ހުއްޓާލީ އެމެރިކާއިން ޖާސޫސުން މެދުވެރިކޮށް ބިން ލާދިން ހޯދުމަށް ކުރަމުން ދިޔަ މަސައްކަތް ބޭޒާރު ވުމާ ގުޅިގެންނެވެ.
ޕާކިސްތާނުގެ އިތުރ ވެފައިވާ ޕޯލިއޯ ކޭސްތަކުން އެނގެނީ، ބެލެނިވެރިން މެދުގައި ޕޯލިއޯ ވެކްސިން ދިނުމަށް ދެކޮޅުވެރިކަމެއް އުޅޭ ކަމެވެ. އެހެންކަމުން، ޕާކިސްތާނުގައި ޕޯލިއޯ ކޭސްތައް އިތުރުވަމުން ދިއުމާ ސަރުކާރުން ދަނީ ކުރިމަތި ލަމުންނެވެ.
މިއަހަރު 43 ކުދިންނަށް ޕޯލިއޯ ޖެހުނު ކަމަށް ރެކޯޑް ކޮށްފައި ވެއެވެ. އޭގެ ތެރެއިން 25 ކުދިންނަށް ފުރަތަމަ ޑޯޒަށް ފަހު ފަހުން ދޭންޖެހޭ އެއްވެސް ރޫޓިން އިމިއުނައިޒޭޝަންގެ ޑޯޒެއް ދީފައެއް ނުވެއެވެ. ޕާކިސްތާންގެ ވެކްސިން ކަވަރޭޖްގެ މި ނާކާމިޔާބީގެ ސަބަބުން ހަތަރު ކުއްޖަކު ހިތާމަވެރި ގޮތެއްގައި މަރުވެފައިވެއެވެ. އަދި އެހެން ބައެއް ކުދިން ވަނީ ދާއިމީ ގޮތެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެފައެވެ.
އެންމެ ގިނައިން ވެކްސިން ނުދެވޭ ކޭސްތައް ރެކޯޑް ކޮށްފައި ވަނީ، ބަލޫޗިސްތާނުގައެވެ. އެޕްރޮވިންސުން އެއްކޮށްފައިވާ ޑޭޓާއިން ދައްކަނީ، 22 ކުދިންގެ ތެރެއިން 17 ކުދިންނަށް ވެކްސިން ޖަހާފައި ނުވާކަމަށެވެ.
ޕާކިސްތާންގެ މިނިސްޓްރީ އޮފް ނޭޝަނަލް ހެލްތު ސާވިސަސް (އެންއެޗްއެސް) ގެ އޮފިޝަލުން ބުނާ ގޮތުގައި ޕޯލިއޯ ވެކްސިން އާއި ކުރިން ކޯވިޑް ވެކްސިން ދިން އިރުވެސް މީހުން ހަދާފައި އޮޅުވާލައިގެން އިނގިލީގެ ނިޝާން ޖަހާފައިވެއެވެ.
މިފަދަ މައްސަލަތަކާ ހެދި، ވެކްސިން ނުޖަހާ ކުދިންގެ ހަގީގީ މިންވަރު އެނގެންވެސް ނެތް ކަމަށް ބުނެއެވެ. އަދި ދޮގުހަދައި އިމިއުނައިޒޭޝަން ޑޭޓާ އޮޅުވާލާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ޕޯލިއޯ އާއި ރައްކާތެރިވެވޭ އެހެނިހެން ބަލިތައް ހުއްޓުވުމަށް ޕާކިސްތާންގައި ރޫޓިން އިމިއުނައިޒޭޝަންގެ މަސައްކަތްތައް ވަރުގަދަ ކުރުމަށް ޕްރޮވިންސްތަކުގެ ކަމާބެހޭ ފަރާތްތަކަށް ޕާކިސްތާން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަނީ ގޮވާލައްވާފައެވެ. އަދި ޑޭޓާ އޮޅުވާލުމާއި މަކަރު ހަދައިގެން އިނގިލީގެ ނިޝާން ޖެހުމަށް ބައިވެރިވާ މުވައްޒަފުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް ސަރުކާރުން ވަނީ އިންޒާރު ދީފައެވެ.
ވެކްސިން ޖެހުމަށް އާންމުން ފަސްޖެހުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބޮޑެތި ސިޓީތައް ކަމަށްވާ ކަރާޗީ އާއި ހައިދަރުއާބާދު ފަދަ އާބަން ސެންޓަރުތަކުގައި އޮފިޝަލުން ދަނީ ދެކޮޅު ހަދާ ކޮމިއުނިޓީތަކުގެ މެދުގައި އިމިއުނައިޒޭޝަނަށް ހިތްވަރު ދިނުމަށް އާ މުވާސަލާތީ ސްޓްރެޓެޖީއެއް ވެސް ތަންފީޒު ކުރަމުންނެވެ.