އަވާދާ ގްރޫޕްގެ ފައުންޑަރ އަދި ޗެއާމަން ވިނީތު މިއްތާލް ވަނީ ކުރިއަށް އޮތް ހަތަރު ފަސް އަހަރުގެ ތެރޭގައި ސޯލާ އިކުއިޕްމަންޓް އުފެއްދުމަށް ފުރިހަމަ އިކޯސިސްޓަމެއް އިންޑިއާ ތަރައްގީ ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. މިއީ ސޯލާ ސަޕްލައި ޗޭން ގާއިމް ކުރުމަށް 20 އަހަރަށް ވުރެ ގިނަ ދުވަސް ގައުމުތަކުން ނަގާ މަސައްކަތަށް އިންޑިއާއިން ހޯދާފައިވާ ކުރުމަގެކެވެ.
އަބޫދާބީ އިންޓަނޭޝަނަލް ޕެޓްރޯލިއަމް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މިއްތާލް ވަނީ އިންޑިއާގެ ކުންފުނިތަކުން މިހާރު ބަރޯސާވެފައިވަނީ ސޯލާ އެނާޖީގެ މުހިންމު ކޮމްޕޯނެންޓްތަކަށް އިމްޕޯޓަށް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެތެރޭގެ ސޯލާ އިންޑަސްޓްރީ ކުރިއެރުމަށް ހުރަސްއެޅޭ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ނަމަވެސް އިންޑިއާއިން ހަރުދަނާ ސިޔާސަތުތަކާއެކު އަމިއްލައަށް ފުދުންތެރި ސޯލާ މެނުފެކްޗަރިން އިކޯސިސްޓަމެއް ބިނާކުރުމަށް މަސައްކަތް ކުރުމުން މި ހާލަތު ވަރަށް އަވަހަށް ބަދަލުވާނެ ކަމުގެ އުންމީދު އޮތް ކަމުގައި އޭނާ ވިދާޅުވެއެވެ.