ޗައިނާގައި ކައިވެނީގެ ނިސްބަތް ވަރަށް ބޮޑަށް ދަށްވެފައިވާއިރު، ފަހުގެ ހިސާބުތަކުން ދައްކަނީ، 2013 ވަނަ އަހަރު ގާތްގަނޑަކަށް 13 މިލިއަން ކައިވެނި ކުރި ނަމަވެސް 2023 ވަނަ އަހަރު 7 މިލިއަނަށް ވުރެ މަދު ކައިވެންޏެއް ކޮށްފައިވާ ކަމަށެވެ.
ޗައިނާ ސިވިލް އެފެއާޒް މިނިސްޓްރީން ބުނަނީ، މި ޓްރެންޑުގެ ސަބަބުން ކުދިން އުފަންވުމުގެ ނިސްބަތާއި، މުސްކުޅިވުމުގެ އާބާދީއާއި، އިގްތިސާދީ ހަމަޖެހުމަށް ކުރާނެ އަސަރުތަކުން ކަންބޮޑު ވާން ޖެހޭ ކަމަށެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި އާބާދީ ދަށްވުން ކުރިމަތި ވަނީ އިގްތިސާދީ ޕްރެޝަރުތަކާއެވެ. އަދި އިޖުތިމާއީ އަގުތަކަށް ޒުވާން ޖީލުތަކުގެ މެދުގައި އިސްކަންދިނުން ތަފާތު ކަން ހާމަވާކަންވެސް މިއިން ފެނިގެންދާ ކަމަށެވެ.
ބެއިޖިން، ޝަންހާއީ، އަދި ޝެންޒެން ފަދަ ސިޓީތަކުގައި ބޯހިޔާވަހިކަމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު ކައިވެނީގެ ޚަރަދު ބޮޑުވުމުން ގިނަ ބަޔަކު ދަނީ ޒަވާޖީ ގުޅުން ބަދަހިކުރުމަށް ހުރަސް އަޅަމުންނެވެ.
މީގެ އިތުރުން ޗައިނާގެ ޒުވާނުން ގިނައިން ތައުލީމާއި ކެރިއަރަށް އިސްކަންދޭ ވަރަކަށް، ޚާއްސަކޮށް އަންހެނުންގެ މެދުގައި އެކަންކަމަށް އިސްކަންދޭ ވަރަކަށް، ކައިވެނި ލަސްކުރަން ނުވަތަ ދޫކޮށްލަން ނިންމުންވެސް ވަނީ އާންމު ކަމަކަށް ވެފައެވެ.
ކައިވެންޏާ މެދު ބަދަލުވަމުން އަންނަ ވިސްނުންތައް ވެސް އާބާދީއަށް އަސަރު ކުރުމުގައި ބޮޑު ރޯލެއް އަދާ ކުރެއެވެ.
ޒުވާން ޖީލުން ދެކެނީ ކައިވެންޏަކީ އިޚްތިޔާރީ ކަމެއްގެ ގޮތުގައެވެ. ބައެއް މީހުން ސިންގަލް ކޯށް ތިބެން އިޚްތިޔާރު ކުރަނީ އަމިއްލަ މިނިވަންކަމާއި ފަރުދީ ފުދުންތެރިކަމަށްޓަކައެވެ.
ކައިވެނީގެ ނިސްބަތް ދަށްވުމުން ސީދާ އަސަރު ކުރަމުންދަނީ ޗައިނާގެ ވިހެއުމުގެ ނިސްބަތަށް ކަމަށާއި މިހާރުވެސް ދުނިޔޭގައި އެންމެ މަދުން ވިހާ ގައުމަކީ ޗައިނާއެވެ. ޗައިނާގައި އަންހެނަކަށް 1.2 ކުދިން ވިހައެވެ.
ފެމިލީ ޕްލޭނިން ޕޮލިސީތަކަށް ލުއި ދީގެން ވިހެއުން ކުރިއެރުވުމަށް ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ކުރިން ސަރުކާރުން ތައާރަފް ކުރި އެއް ކުއްޖަކު ގެންގުޅޭ ސިޔާސަތުން ފެށިގެން މިޙާރު ތިން ކުދިން ހޯދުމުގެ ސިޔާސަތަށް ބަދަލުވިނަމަވެސް ވިހެއުމުގެ ނިސްބަތް ދަނީ ދަށްވަމުންނެވެ.
ކައިވެނީގެ ބޭރުން ދަރިން ލިބުމަކީ ޗައިނާގައި މަދުން ނަމަވެސް ދިމާވާ ކަމެކެވެ. މިކަމުގެ ސަބަބުން އެގައުމުގެ ޑިމޮގްރަފިކް ގޮންޖެހުންތައް އިތުރަށް ގޯސްވެ، އާބާދީ ދަށްވުން އަވަސްވެ، އިޖުތިމާއީ ސަޕޯޓް ނިޒާމުތަކަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށްވެސް ތަޖުރިބާކާރުން އިންޒާރު ދެއެވެ.