މީރާއަށް ޑޮލަރުން ލިބޭ އާމްދަނީ 17 އިންސައްތަ އިތުރުވެއްޖެ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިއަހަރުގެ ޖަނަވަރީ މަހު ޑޮލަރުން ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 17 އިންސައްތަ އިތުރުވެފައެވެ. މިގޮތުން މިއަހަރުގެ ޖަނަވަރީ މަހު މީރާއަށް 125 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބިފައިވަނީ 104 މިލިއަން ޑޮލަރެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހު ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސް ޓެކްސް (ޓީޖީއެސްޓީ) އިންނެވެ. އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 69 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ލިބިފައިވަނީ 61 މިލިއަން ޑޮލަރެވެ.

ޖަނަވަރީ މަހު އެހެނިހެން ޓެކްސްތަކުން ޑޮލަރުން ލިބުނު އާމްދަނީ:

ޓެކްސް 2025 2024
ޑިޕާޗަރ ޓެކްސް 7.3 މިލިޔަން ޑޮލަރު 6.4 މިލިޔަން ޑޮލަރު
އިންކަމް ޓެކްސް 28.9 މިލިޔަން ޑޮލަރު 16.5 މިލިޔަން ޑޮލަރު
ގްރީން ޓެކްސް 7 މިލިޔަން ޑޮލަރު 6.4 މިލިޔަން ޑޮލަރު

މީރާގެ ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުން، ނިމިދިޔަ ޖަނަވަރީ މަހު މީރާއަށް ޖުމްލަ 3.3 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 1.4 ބިލިއަން ރުފިޔާ އާއި 125 މިލިއަން ޑޮލަރެވެ.

މީރާއިން ފާހަގަކުރާ ގޮތުގައި، މިދިޔަ މަހު ލިބުނު އާމްދަނީގެ އަދަދަކީ އެމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 5 އިންސައްތަ އިތުރު އަދަދެކެވެ. މިއީ މީރާއިން ކުރި އަންދާޒާތަކަށްވުރެ ހިތްވަރުދޭ ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.

ހިއްސާ ކުރައްވާ!