މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 39 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ރިޕޯޓްތައް ދައްކާގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 735 މިލިއަން ރުފިޔާ ލިބިފައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 528 މިލިއަން ރުފިޔާއެވެ.
އެހެންކަމުން މިއަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
ގްރީން ޓެކުހުގެ އާމްދަނީ އިތުރުވެފައި މިވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް 7 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގުސަދުގައި ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެންނެވެ.
މިއީ ރާއްޖޭގެ ރިސޯޓުތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކުގެ އިތުރުން ސަފާރީ ފަދަ ޓޫރިސްޓް އުޅަނދުތަކުގައި މަޑުކުރާ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ.
ނަމަވެސް އުމުރުން 2 އަހަރު ނުފުރޭ ކުޑަކުދިން މި ޓެކުހުން ވަނީ އިސްތިސްނާކޮށްފައެވެ.
ސަރުކާރުން ވަނީ 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގާ ރޭޓުތަކަށް ބަދަލު ގެނަސްފައެވެ.
އެގޮތުން މިހާރު 6 ޑޮލަރު ނަގަމުންދާ ތަންތަނުން 12 އެމެރިކާ ޑޮލަރަށް ރޭޓު މަތިކޮށް، 3 ޑޮލަރު ނަގަމުންދާ ތަންތަނުން 6 އެމެރިކާ ޑޮލަރަށް ޓެކްސް ރޭޓު އިތުރުކޮށްފައިވެއެވެ.
ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ ސަރުކާރުން ބޭނުންކުރަނީ ރަށްރަށުގައި ހިންގާ ތިމާވެއްޓާ ގުޅުންހުރި މުހިންމު މަޝްރޫޢުތަކަށެވެ.
މީގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން 'ކްލީން އެންވަޔަރަންމަންޓް' ފަދަ ތިމާވެށި ސާފުކޮށް ބެލެހެއްޓުމުގެ އެކި ޕްރޮޖެކްޓްތައް ހިމެނެއެވެ.

