މުދަލު ޒަކާތް: އަހަރުގެ މިހާތަނަށް 45.3 މިލިޔަން ރުފިޔާ ލިބިއްޖެ

މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 45.3 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 30 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 45,329,119 ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 34,852,418 ރުފިޔާއެވެ.

މީރާގެ މާރިޗު މަހުގެ އާމްދަނީ ރިޕޯޓުގައިވާ ގޮތުން، ހަމައެކަނި މިދިޔަ މަހުވެސް މުދަލު ޒަކާތުގެ ގޮތުގައި 27,420,050 ރުފިޔާ ވަނީ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ މާރިޗު މަހު ލިބުނު 23.5 މިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 16.2 އިންސައްތައިގެ ކުރިއެރުމެކެވެ.

މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ 27,374,211 ރުފިޔާ އަދި 2,982 ޑޮލަރެވެ.
ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ މީރާ މެދުވެރިކޮށެވެ.
މީރާއަށް އޮންލައިންކޮށް ޒަކާތް ދެއްކޭއިރު، ކޮންމެ މީހަކުވެސް ޒަކާތް ދައްކަން ޖެހޭ މިންވަރު އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ.

މުދަލު ޒަކާތުގެ ނިޞާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 19,527.90 ރުފިޔާއެވެ.
މީގެ ކުރިން ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވަނީ 11,191.95 ރުފިޔާއެވެ.

މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށްގެންނެވެ. ރާއްޖޭގެ ބާޒާރުގައި ރަނާއި ރިހި ލިބެން ހުންނަ އަގުތައް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ހާމަކުރަމުންދާއިރު، އެ އަގުތަކަށް އަންނަ ބަދަލާ ގުޅިގެން ޒަކާތު ހައުސްއިން ނިޞާބަށް ބަދަލު ގެނެއެވެ.

ހިއްސާ ކުރައްވާ!