ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ބިނާކުރަމުންދާ 14 މިސްކިތެއް ހުޅުވުމަށް ރާވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހާމަކުރެއްވި ގޮތުގައި، ރަމަޟާން މަހުގެ ކުރިން ހުޅުވުމަށް ތައްޔާރުވަމުންދާ މިސްކިތްތަކުގެ ތެރޭގައި ހުޅުމާލޭގައި ބިނާކުރަމުންދާ ދާއިމީ ތިން މިސްކިތްވެސް ހިމެނެއެވެ.
މި މަޝްރޫއުތަކަކީ ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ސަރަހައްދުތަކަށް ބޭނުންވާ ދީނީ އިމާރާތްތައް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގެ ބައެކެވެ.
ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫއުތަކެއް ގެންދަނީ ހިންގަމުންނެވެ. މިގޮތުން، ބާވެފައިވާ މިސްކިތްތަކުގެ ބަދަލުގައި އާ މިސްކިތްތައް އެޅުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ދަނީ ކުރިއަށް ގެންދަމުންނެވެ.
މި މަޝްރޫއުތަކުގެ އިތުރުން، އަމިއްލަ ފަރާތްތަކާއި އެކި ވިޔަފާރިވެރިންގެ އެހީތެރިކަމާއެކުވެސް ރާއްޖޭގެ ރަށްރަށުގައި މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މީގެ ކުރިން ޖޫން 16 ވަނަ ދުވަހު، އައްޑޫ ހުޅުދޫގައި 200 މީހުންނަށް ނަމާދުކުރެވޭނެ "މަސްޖިދު ޒުލައިޚާ މުޙައްމަދު" ވަނީ \ހުޅުވާލާފައެވެ. އެ މިސްކިތަކީ ހުޅުދޫއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ މުޙައްމަދު ޞާލިޙްގެ މާލީ އެހީތެރިކަމާއެކު ބިނާކުރި މިސްކިތެކެވެ.




