ފޮޓޯ: ޕީއެސްއެމް
ފޮޓޯ: ޕީއެސްއެމް

ހުޅުމާލޭގައި ބިނާކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ މި މަހުގެ 13 ގައި އަޅަނީ

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، ހުޅުމާލޭގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރުމުގެ މަޝްރޫއު ފެށުމަށް ނިންމައިފިއެވެ. އެއްފަހަރާ ގާތްގަނޑަކަށް 10,000 މީހުންނަށް ނަމާދުކުރެވޭގޮތަށް ފަރުމާކޮށްފައިވާ މި ބިނާއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޙަޟާރަތުގެ މުއްސަނދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫއުގެ ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވާ އާދީއްތަ ދުވަހުގެ ހަވީރު، ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައެވެ. މިސްކިތް އިމާރާތް ކުރުމަށް ބޭނުންވާ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ ކަމާބެހޭ ފަރާތާ ހަވާލުކޮށްފައެވެ. އަދި މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ސައުދީ އަރަބިއްޔާގެ އައްރާޖްހީ ކުންފުންޏާއެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މި ބިނާއަކީ ހަމައެކަނި ނަމާދުކުރުމުގެ އިތުރން އިސްލާމީ ތަޢުލީމާއި ޘަޤާފަތް އާލާކޮށް، އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ގިނަ ވަސީލަތްތަކެއް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ މަރުކަޒެކެވެ. އެގޮތުން، ނަމާދުކުރާ މައި ހޯލުގެ އިތުރުން އިސްލާމީ ކުތުބުޚާނާއަކާއި، ސަގާފީ މަރުކަޒެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މައުލޫމާތު ދައްކުވައިދޭ ޤުރުއާން މިއުޒިއަމެއް ވެސް މިތަނުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އިސްލާމީ އަދި ތާރީޚީ މައުރަޒުތައް ބޭއްވުމަށް އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ބައްދަލުވުންތަކަށް ޚާއްޞަ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްގެ އިތުރުން، ޒިޔާރަތްކުރާ މީހުންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއެއް، އިސްލާމީ ފޮތް ފިހާރައެއް އަދި ގިފްޓް ޝޮޕެއް މި ބިނާގައި ހިމެނޭނެ ކަމަށް ވުޒާރާއިން އަންގައެވެ.

ހިއްސާ ކުރައްވާ!