އުމުރުން 8 އަހަރާއި 12 އަހަރާ ދެމެދުގެ 10 އަންހެން ކުދިން ރޭޕްކުރި މައްސަލައިގައި އުމުރުން 28 އަހަރުގެ މީހަކު އުމުރަށް ޖަލަށް ލާން ޖަޕާންގެ އޮސާކާ ޑިސްޓްރިކްޓް ކޯޓުން ޙުކުމް ކޮށްފިއެވެ. މިމީހާއަކީ، ކުރިން ހޮސްޕިޓަލެއްގައި މަސައްކަތް ކުރި މީހެކެވެ.
މުޖުރިމު، ޓޮމޮޔާ ޔަނާގިމޯޓޯއަށް ކުށް ސާބިތުވީ 2016 ވަނަ އަހަރުގެ މާޗް މަހާއި 2022 ވަނަ އަހަރުގެ މެއި މަހުގައި އަންހެން ކުދިންގެ ގެތަކަށް ވަދެ، އޭނާ އެކުދިން ރޭޕްކުރި ކަމަށް އެއްބަސްވުމުންނެވެ.
"ކަލޭ، ތިޔަ ކުރި ކަމަކީ ނަފްރަތު ކުރަން ޖެހޭ ކަމެއް،" ހުކުމް އިއްވަމުން ގާޒީ ހިރޯކީ އިޓޯ ވިދާޅުވި އެވެ.
އުމުރަށް ޖަލަށްލުމަކީ ރޭޕްގެ ކުށުގައި ޖަޕާނުގައި އިއްވާ އެންމެ ބޮޑު އަދަބެވެ.
އެ ހުކުމުގައިވާ ގޮތުން ޔަނާގިމޯޓޯ ކުދިންނަށް ބިރު ދައްކާފައި ވަނީ ކަޓަރެއް ދައްކައިގެންނެވެ. އެކުދިންނަށް އޭނާ ހަމަލަ ދޭން އުޅުނީ އެކަނި ތިއްބައެވެ.
"ކަލޭ، ތިޔަ ނުބައި އަމަލުން ހަލާކުކޮށްލީ ރީއްޗަށް ބޮޑުވާން ތިބި އަންހެން ކުދިން، އެމީހުންގެ ދިރިދެމި ތިބުމުގެ އަސާސް ކަލޭ ފުނޑާލީ،" އިޓޯ ވިދާޅުވިކަމަށް މީޑިއާ ބުނެއެވެ.
"މި ހަމަލާތައް ކަލޭ ރާވާފައި ވަނީ ދުރާލައި ކުދިންނަށް ފާރަލައިގެން،" އަންހެން ކުދިންނަށް ހަމަލާ ދިނުމުގެ ކުރިން އެކުދިންގެ ގެދޮރަށް ފާރަލައި އެކަމުގައި ގިނަ ދުވަސްތަކެއް ހޭދަކުރިކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވި އެވެ.
އަންހެން ކުދިންނަށް ލިބުނު ބިރުވެރިކަމާއި ނަފްސާނީ ގެއްލުންތަކަކީ ޚިޔާލަށް ވެސް ނުގެނެވޭނެ ގެއްލުންތަކެއް ކަމަށާއި، އަހަރުތަކެއް ފަހުން ވެސް އެކަމުގެ ވާހަކަ ދައްކަން އެކުދިން ބިރު ގަންނާނެ ކަމަށް އިޓޯ ވިދާޅުވި އެވެ.


