އެބޮޓާއާބާދު ޑިސްޓްރިކްޓްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ފާއިތުވި ހަފްތާގައި ޕާކިސްތާން ފުލުހުން ހައްޔަރުކޮށްފިއެވެ. ރާވަލްޕިންޑީއަށް ނިސްބަތްވާ އަންހެނަކު ގަދަކަމުން ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށް އެބޮޓާބާދު ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފްއައިއާރުގައި ބަޔާންކޮށްފައިވާ ގޮތުން، މި ހާދިސާ ހިނގި ގޭގެ ވެރިފަރާތާއި އޭނާގެ އެކުވެރިން މިހާރުވަނީ ހައްޔަރުކޮށްފައެވެ. ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އެކަކު އެ އަންހެން މީހާ ރާވަލްޕިންޑީން އޭނާގެ ރައްޓެއްސެއްގެ ގެއަށް ކާރުގައި ގެންގޮސް، އެތަނުގައި އެ އަންހެން މީހާއަށް އެމީހުން ވަކިވަކިން ޖިންސީ ގޯނާކޮށްފައިވާ ކަމަށް އެފްއައިއާރުގައި ބަޔާންކޮށްފައިވެއެވެ.
ގޭގެ ވެރިމީހާ އޭނާގެ ކުށަށް އިއުތިރާފުވެ، އޭނާގެ ދެ އެކުވެރިންގެ ނަން ހާމަކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި މައްސަލައިގައި ބައިވެރިވި އެހެން ފަރާތްތައްވެސް ހައްޔަރުކޮށްފައިވާއިރު، ޝިކާރައަކަށްވީ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުން މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.
ޕާކިސްތާންގައި ރޭޕްގެ މައްސަލަތަކަށް މަރުގެ އަދަބު ނުވަތަ 10 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ޙުކުމް ކަނޑައެޅިފައި ވީނަމަވެސް، މިފަދަ މައްސަލަތައް ދަނީ އިތުރު ވަމުންނެވެ.
ޖުލައި މަހު ކަރާޗީގައި ވަނީ އަލަށް އިނދެގެން އުޅޭ 19 އަހަރުގެ އަންހެން ކުއްޖަކަށް ފިރިމީހާ ޖިންސީ ގޯނާކޮށް އަނިޔާކުރުމުގެ މައްސަލައެއް ރިޕޯޓް ކޮށްފައވެ. އަދި އިއްތިހާދު ޓައުންގައި ހިނގި ގޭންގް ރޭޕްގެ މައްސަލައިގައި މުޖުރިމަކު ހައްޔަރުކޮށްފައި ވެއެވެ.




