ކެމްބޯޑިއާއަކީ، ޗައިނާގެ ބެލްޓް އެންޑް ރޯޑް މަޝްރޫއުތަކުގެ ދަށުން މުހިންމު ޕްރޮޖެކްޓްތައް ހިންގާ އަވަށްޓެރި ގައުމެކެވެ. ކެމްބޯޑިއާގެ 1.7 ބިލިއަން ޑޮލަރުގެ ފުނާން ޓެކޯ ކެނަލް މަޝްރޫއަށް ވަނީ ޗައިނާގެ ފައިސާގެ ދަތިކަމާ ކުރިމަތިލާން ޖެހިފައެވެ.
މި މަޝްރޫއަށް ޗައިނާއިން ދޭ ސަމާލުކަން ބޮޑު ކަމަށް ބުނެ ބަޔާންތައް ދީފައިވީ ނަމަވެސް، މަޝްރޫއަށް ކުރިއެރުމެއް ނުލިބޭކަން ފާހަގަކުރެވެއެވެ.
ކެމްބޯޑިއާގެ ބޮޑުވަޒީރު ހަން މަނެޓް ވިދާޅުވެފައިވަނީ މި ނެރު ހެދުމުގެ މަސައްކަތުގެ 49 އިންސައްތަ ހޭދަކުރާނީ ބެއިޖިންގ އިން ދޭ ފައިނޭންސް އިންނެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ އޮގަސްޓް 5 ވަނަ ދުވަހު ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ފަހު، މިހާތަނަށް ޗައިނާއިން އެއްވެސް ފައިސާއެއް ފޯރުކޮށްދީފައި ނުވެއެވެ. އަދި އެއަށްފަހު އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.
ޗައިނާއަކީ ކެމްބޯޑިއާއަށް އެންމެ ގިނައިން ދަރަނި ދީފައިވާ ޤައުމެވެ. ޗައިނާއިން މިދިޔަ އަހަރުގެ ފުރަތަމަ ނުވަ މަހު ކެމްބޯޑިއާއަށް އާ ލޯނެއް ދޫކޮށްފައެއް ނުވެއެވެ. މިއީ ޗައިނާގެ އެތެރޭގެ އިގްތިސާދީ ގޮންޖެހުންތަކާ ގުޅިގެން، ބޭރުގެ އިންވެސްޓްމަންޓްތައް ކުޑަކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ. އަދި އެފްރިކާ ބައްރުގައި ހިންގާ ބައެއް ޕްރޮޖެކްޓްތަކަށްވެސް ފަންޑު ކުރުން މަދުކަމަށް ފާހަގަ ވެއެވެ.
ޗައިނާއިން ބިނާ ކުރާ މި ނެރަކީ، 180 ކިލޯމީޓަރުގެ ނެރެކެވެ. މި ނެރުގެ މައިގަނޑު މަގުސަދަކީ ކެމްބޯޑިއާގެ މެކޮންގް އަދި ބަސާކް ކޯރުތައް ތައިލެންޑްގެ ކަނޑުއޮޅިއާ ގުޅުވައިދިނުމެވެ. މީގެ ސަބަބުން މިހާރު ކެމްބޯޑިއާގެ އެކްސްޕޯޓްގެ ބޮޑު ބައެއް ބަރޯސާވާން ޖެހޭ ވިއެޓްނާމްގެ ބަނދަރުތަކަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެން ދާނެއެވެ.
މި މަޝްރޫއުގެ ލަސްވުމާ ގުޅިގެން، ތިމާވެށްޓަށް ކުރާނެ އަސަރާއިއަދި މަޝްރޫޢުގެ އަގާ މެދު ސުވާލުތަކެއް އުފެދިފައިވެއެވެ.
"ނެތިގެންދާ ދިރޭ ބާވަތްތަކާއި ކާބޯތަކެތީގެ ރައްކާތެރިކަމަށާއި، މި ސަރަހައްދުގެ ޗަސްބިމުގެ އިކޯސިސްޓަމްތަކަށް ނުރައްކާތަކެއް ކުރިމަތިވެދާނެ" ކަމަށް ތަޖުރިބާކާރުން އިންޒާރުދީފައި ވެއެވެ. އަދި ތަހުލީލުކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ޗައިނާއިން މި މަޝްރޫއަށް ފައިސާ ހޭދަކުރުމަށް ފަސްޖެހުމަކީ، ޗައިނާގެ އިގްތިސާދީ ދަތިތަކާ ގުޅިގެން އިންވެސްޓްމަންޓް ސްޓްރެޓެޖީއަށް އަންނަމުންދާ ބަދަލުތަކުގެ ނިޝާނެކެވެ.



