ތައިލެންޑްގައި ޗައިނާގެ ކްރައިމް ގޭންގުތަކުން ހިންގާ ޖިނާއީ ހަރަކާތްތައް އިތުރުވަމުން ދިއުމާ ގުޅިގެން، އެ ޤައުމުގެ ސަލާމަތީ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. މި ގޭންގުތަކުން އަމާޒުކުރަނީ ޚާއްޞަކޮށް ތައިލެންޑަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންނަށެވެ.
މިޔަންމާއިން ފަހުން ފެނުނު ޗައިނާގެ މަތީ ފެންވަރުގެ ދެ މީހަކު ތައިލެންޑުން ގެއްލުމާ ގުޅިގެން، ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނާވަޓްރާ ވަނީ ސަލާމަތީ ފިޔަވަޅުތައް ހަރުކަށި ކުރުމަށް އަމުރު ކުރައްވާފައެވެ.
"ފަތުރުވެރިކަމަކީ ތައިލެންޑްގެ އާމްދަނީގެ މައިގަނޑު މަސްދަރު. އަޅުގަނޑު ބޭނުމެއް ނޫން ކުށްވެރިންގެ ސަބަބުން އެކަމަށް އަސަރު ކުރާކަށް،" ބޮޑުވަޒީރު ވިދާޅުވިއެވެ.
ޗައިނާ ކްރައިމް ގޭންގުތަކުން ވަނީ ތައިލެންޑްގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައި، ދިގު މުއްދަތުގެ ވިސާ ހޯދައި، އަމިއްލަ ވިޔަފާރިތައް ހިންގައި ބައެއް ދާއިރާތައް އެމީހުންގެ ކޮންޓްރޯލަށް ގެނަސްފައެވެ. އެގޮތުން، ނައިޓް ކްލަބްތައް ހިންގައި، ގަވާއިދާ ހިލާފު އެތައް ހަރަކާތްތަކެއް ކޮންޓްރޯލު ކުރަމުން ދަނީ މި ކްރިމިނަލް ގޭންގްތަކުންނެވެ.
އަދި މީގެ އިތުރުން ތައިލެންޑާ އިންވެގެން އޮންނަ މިޔަންމާގެ ސަރަހައްދުގައި ހިންގާ ގަވާއިދާ ޚިލާފު ކަންކަމަށް ބޭނުންވާ މީހުން ޓްރެފިކްކޮށް، ސައިބަރ ސްކޭމްތަކަށް މި ގޭންގްތަކުން މަޖުބޫރު ކުރާކަންވެސް ވަނީ ފާހަގަކުރެވިފައެވެ.
އެމެރިކާގެ އިންސްޓިޓިއުޓް އޮފް ޕީސްގެ ރިޕޯޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރު މި ނެޓްވޯކްތަކާ ގުޅިފައިވާ ސްކޭމްތަކުގެ ސަބަބުން އެމެރިކާ މީހުންނަށް 3.5 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ލިބިފައެވެ.
މިކަމާ ގުޅިގެން ބެއިޖިން އާއި ބެންކޮކްއިން ވަނީ މި ޖިނާއީ ނެޓްވޯކްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތް ފަށާފައެވެ. އަދި ސްކޭމްތަކާއި ރަހީނުކުރުމުގެ މައްސަލަތައް ހުއްޓުވުމަށް ދެ ޤައުމުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ތައިލެންޑްގެ ދާޚިލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.



