ޚާން ޔޫނިސްގެ ފޭލިގެއެކެވެ. ޔަހޫދީންގެ ހަރާން ހަމަލައަކުން ވަގުތީގޮތަކަށް އިސްތިސްނާ ވެފައިވާ ހިޔާވައްސެކެވެ. މި ފޭލިގެއަކީ މަޖްދާ ޤަނާގެ އާއިލާގެ ތިން ވަނަ ފޭލިގެއެވެ. މީގެ ކުރީގެ ދެ ފޭލިގެއަށްވެސް ބޮން އެޅީ މިސަހަރުގެ ބިމަށް އަތްގަދަކޮށްގެން އުޅޭ ޔޫރަޕްގެ ހިސާބަކުން އައި ޔަހޫދީ ދީނަށް ނިސްބަތްވާ ކަމަށް ބުނާ ނަސްލު ކަށަވަރު ނުވާ ބަޔެކެވެ. ޤަނާގެ ކުދިން އަބަދުވެސް އުޅެނީ ހައިހޫނު ކަމުގައެވެ. އަރަބިން ތިބީ ކައިގެން ކަން ޔަގީނެވެ. އެކަމަކު އެހެން ޢާއިލާތަކެކޭ އެއްފަދައިން ޤަނާގެ އާއިލާވެސް ވަނީ ސުފުރާ ތަނަވަސް އަރަބިންގެ ކާނާއާއި ބަހުގެ ދީލަތިކަމުންވެސް މަހުރޫމް ވެފައެވެ.
ޤަނާގެ އުމުރުން 61 އަހަރުގެ ތެރޭގައި ސުންޕާ ޔަހޫދީންގެ ލައްކަ އަނިޔާތައް ފެނިފައި ވެއެވެ. އުފަންވީވެސް ޓެރަރިސްޓް ހަމަލައަކުން ސަލާމަތްވާން އައި އޭނާގެ މަންމަ ދިރިއުޅުނު ފޭލިގޭގައެވެ. އޭނާ ދުނިޔެއަށް ލޯހުޅުވާލި ރޭވެސް އޭނާގެ ކަންފަތަށް އިއްވި ބަންގީގެ އަޑު ފަނޑުކޮށްލީ ޔަހޫދީންގެ ޣަދަރުވެރި ބޮމުގެ ހަމަލައަކުންނެވެ.
ދަރިންނަށް ބޭނުންވާ ޕްރޮޓީނަށް މިދުވަސްކޮޅު ދެވޭ ހަމައެކަނި ކާނައަކީ ވެލާ މަސްކޮޅެކެވެ. ޤަނާ ވެލާ ފަޅައި މަސް ކައްކަނީ އެވަގުތު ލިބެން ހުރި އެއްޗަކާ އެކުގައެވެ.
ފުރަތަމަ، ވެލާ ފަޅައި ސާފުކޮށް، ފުށާއި ރާހުތާ އެއްކޮށްލަނީއެވެ. އަޖޫޒު މުސްކުޅިއެއްގެ މޫނަކާ ވައްތަރަށް ބަނޑިބަނޑި ލައިގެންފައިވާ ތެއްޔެއްގައި މި ތަކެތި އެއްކޮށް މޮޑެލަނީއެވެ. އެއަށްފަހު ދަރުޖައްސައިގެން ރޯކޮށްފައިވާ އުދުނުގައި ރޯފިލުވައެވެ. އަރަމުންދާ ދުމާއެކު ކޮށިއަރައި ގަނެގެން ކެއްސަމުން ވެސް ދެއެވެ. ކުޑަކޮށް ރޯ ފިލުވުމަށްފަހު، ފިޔާ، ޓޮމާޓޯ އަދި މިރުސް ޖަހައިގެން ސީޒަން ކޮށްލަނީ އެވެ.
ކައްކާ އިރު ކުދިންނެއް ބަލާކަށް ނުތިބެއެވެ. ނަމަވެސް ވެލާ ފަޅާއިރު ހުރިހައި މާމަ ކުދިން ވަށާލައިގެން ތިބެއެވެ. އެކުދިން އޭގެ ރަހައާ މެދު ސުއާލު ކުރުމުން ޤަނާ ބުނަނީ ކަންބަޅިއެއްގެ މަހަށް ވުރެން ވެލާ މަސް މީރުވާނެ ކަމަށެވެ. ބައެއް ކުދިން ވެލާ ދެކެ ބިރުންވެސް އުޅެއެވެ.
ރަހުމު ކުޑަ ޔަހޫދީން ވަނީ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ޣައްޒާ މީހުން ބަނޑަށް ޖެއްސުމުގެ ސިޔާސަތަށް އަމަލު ކުރަން ފަށާފައެވެ. އަރަބިންވެސް ކުރީ ޒަމާނެއްގެ ބަޔާނަކުން ހިރަފުސް ފޮޅާލައި މީސްމީޑިއާއަށް ލުމަށް ވުރެން ބޮޑު މިންވަރަކަށް ކުށްވެރި ނުކުރެއެވެ. 70 އަހަރު ވަންދެން ބަޔާންތައް ދެމުން ދެމުންގޮސް އެ ސޮރުމެންގެ ބަސް ކޮށާރަ ހުސްވީ ތޯއްޗެކެވެ.
ޔަހޫދީން ޣައްޒާއަށް ވެއްދުން މަނާ ކުރީ ކާނާ އެކަންޏެއް ނޫނެވެ. ފެން އުފައްދާ ޕްލާންޓް ތަކުން ކަރަންޓުވެސް ކަނޑާލީ އެވެ. ޒަޔަނިސްޓުން މިއީ ނިކަން ޖަނަވާރު ބަޔެކެވެ.
ބައިނަލްއަގްވާމީ ސަރުކާރު ނޫން ޖަމިއްޔާތަކުގެ ގްރޫޕަކުން މި ހަފްތާގައި ދީފައިވާ އިންޒާރުގައި ބުނެފައި ވަނީ "ބަނޑުހައިހޫނުކަމަކީ ޣައްޒާގެ ހުރިހާ ސަރަހައްދެއްގައި ވެސް ހަލުވިކަމާއެކު ކުރިމަތި ވަމުން އަންނަ ކާރިސާއެއް" ކަމަށެވެ.
އަސީރުންނަށް އޯގަތެރި ހަމާސްއިން ބުނެފައި ވަނީ އިޒްރޭލުން "ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަނީ" ކަމަށެވެ.
ޣައްޒާގައި މީހުން އިންދާފައި ހުންނަ ތަރުކާރީވެސް ރަނަށް ވުރެން އަގު ބޮޑެވެ. ކުޑަ ކޮތަޅެއްގެ ތަރުކާރީ ކޮޅެއްވެސް ލިބެނީ ދިވެހި 300 ރުފިޔާއަށެވެ. އެއީ ޔަހޫދީންގެ 80 ޝޭކަލް އެވެ.
ވެލާ ފަޅަން ޖެހެނީ ކުޑަކުދިންނަށްވެސް ކާން ދޭން އެ ނޫން މަހެއް ލިބެން ނެތުމުންނެވެ. އެންމެ ވެލައަކުން އެތައް ކުޑަކުދިންނަކަށް ކާން ދެވޭ ކަމަށް ޤަނާ ބުނެއެވެ.
"އަހަރެމެން ދުވަހަކުވެސް ހީވެސް ނުކުރަން ވެލާ ފަޅަން ޖެހޭނެ ކަމަކަށް" ޤަނާގެ މަސްވެރި ކޮއްކޮ އަބްދުލް ހަލީމް ބުނެއެވެ.
ޔަހޫދީން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި ޣައްޒާގެ ރައްޔިތުންނަށް ޖަނަވާރު ކާނާ ކާން މަޖުބޫރުވެ، ނަޖިސް ފެން ބޯން ޖެހިދާނެ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން ވެސް އިންޒާރު ދިނެވެ. ޑަބްލިޔުއެޗްއޯގެ އިރުމަތީ މެޑިޓެރޭނިއަން ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ހަނާން ބަލްކީ އެ އިންޒާރު ދެއްވާފައި ވަނީ މިދިޔަ މަހު އެވެ.
ހަމާސްއާއެކު ހަމަލަތައް ހުއްޓާލުމަށް އެއްބަސްވި އެއްބަސްވުމާ ޔަހޫދީ ބޮޑު ވަޒީރު މުޖުރިމު ނަތަންޔާހޫ ޚިލާފްވެ އަލުން ހަމަލަތައް ފެށީ މާޗް 18 ގައެވެ. ތާރީޚުގެ މިހާތަނަށް ޔަހޫދީން އެއްބަސްވުމެއް ދެމެހެއްޓިކަން ސާބިތުވާކަށެއް ނެތެވެ. ޤުރުއާންވެސް އެކަމަށް ހެކި ދެއެވެ.







