ރައީސް މުޢިއްޒު ހުޅުމާލެ ހޮސްޕިޓަލުގެ އައު އިމަޖެންސީ ރޫމް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުމާލެ ހޮސްޕިޓަލުގެ އަލަށް ތަރައްޤީކުރެވުނު އިމަޖެންސީ ރޫމް ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި އިމަޖެންސީ ރޫމަކީ ސަރުކާރުގެ "ނިއު ޕޮލިސީ އިނިޝިއޭޓއޭޓިވް" ގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢެއްގެ ދަށުން ތަރައްޤީކުރެވުނު ވަސީލަތެކެވެ.

އަލަށް ހުޅުވުނު މި އިމަޖެންސީ ރޫމަކީ ޒަމާނީ މެޑިކަލް އާލާތްތަކާއެކު ފަރުމާކުރެވިފައިވާ ތަނެކެވެ. މީގެ ތެރޭގައި ކްރިޓިކަލް ބަލިމީހުންނަށް ޚާއްޞަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ޤާއިމުކުރެވިފައިވެއެވެ. އަދި ފުރާނައަށް ނުރައްކާވާ ހާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައިވަނީ ބޮޑެތި އިމަޖެންސީ ހާލަތްތަކަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.

މި މަޝްރޫޢުގެ ސަބަބުން ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގައި ފަރުވާދެވޭ އެނދުތަކުގެ އަދަދު ވަނީ ދެގުނަ އިތުރުވެފައެވެ. މިހާރު މި އިމަޖެންސީ ރޫމުގައި އެއްފަހަރާ 14 އެނދުގައި ބަލިމީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމުގެ ޤާބިލުކަން ލިބިގެން ދާނެއެވެ.

މި މަޝްރޫޢަކީ ސަރުކާރުން ކަނޑައަޅާފައިވާ ޞިއްޙީ ސިޔާސަތުތަކުގެ ތެރެއިން، ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފުރިހަމަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް