ރާއްޖޭގައި ދިވެހިންގެ އަމިއްލަ ދެ ބެންކެއް ހުޅުވަނީ

ރާއްޖޭގެ ބޭންކިންގ ދާއިރާއަށް އިތުރު ކުރިއެރުމެއް ތަނަވަސް ވެއްޖެއެވެ.  މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ރާއްޖޭގައި ބޭންކިންގ ހިދުމަތް ދިނުމަށް ބޭނުންވާ ޕްރީ-އޮޕަރޭޝަނަލް ހުއްދަ ދެ ފަރާތަކަށް ދޫކޮށްފައެވެ.

މި ދެ ފަރާތަކީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. އެމްއެފްއެލްސީ އަށް ވަނީ އެ ކުންފުނީގެ ނަން މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ބޭންކަށް ބަދަލުކުރުމުގެ ހުއްދަ ދީފައެވެ. އަދި ބީއައިސީ ބޭންކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ އައު ބޭންކެއް ގާއިމުކުރުމުގެ ހުއްދަ ދީފައެވެ. މި ދެ ފަރާތަށް ވެސް ދޫކޮށްފައިވަނީ ޓިއާ 1 ބޭންކެއް އުފެއްދުމުގެ ހުއްދައެވެ.

އެމްއެމްއޭ އިން މިކަމާ ގުޅޭ ގޮތުން ބުނެފައި ވަނީ މިއީ ރާއްޖޭގެ މާލީ ހިދުމަތްތައް ފުޅާކޮށް، ވާދަވެރިކަން އިތުރުކޮށް، އަދި ރާއްޖޭގެ މާލީ ދާއިރާގެ ދުރު ރާސްތާގެ ކުރިއެރުމަށް އެހީތެރިވެދޭނެ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

އެހެންނަމަވެސް، މި ދެ ފަރާތަށް ރާއްޖޭގައި ބޭންކިންގ ހިދުމަތް ދިނުމުގެ ފުރިހަމަ ހުއްދަ ލިބޭނީ ޚިދުމަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ކުރުމުންނެވެ.

މި ތަރައްގީއާއެކު، ރާއްޖޭގެ ބޭންކިންގ ދާއިރާއަށް އައު ކުރިއެރުންތަކެއް ލިބި، އާންމު ރައްޔިތުންނަށް ލިބޭ މާލީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ދާއިރާގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، އިގްތިސާދީ ގޮތުން ފައިދާތަކެއް ކުރާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

ހިއްސާ ކުރައްވާ!