ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް އިޒްރޭލުން އެއްބަސްވާނަމަ، އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރުމަށް އިންޑޮނޭޝިއާ ތައްޔާރަށް އޮތް ކަމަށް އިންޑޮނޭޝިއާގެ ރައީސް ޕްރަބޯވޯ ސުބިއަންތޯ ވިދާޅުވެއްޖެއެވެ.
ރައީސް ސުބިއަންތޯ މިވާހަކަ ވިދާޅުވެފައިވަނީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯނާއެކު ޖަކާރޓާގައި ބޭއްވި ބައްދަލުވުމަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ޤައުމު ކަމުގައިވާ އިންޑޮނޭޝިއާއިން މިހާތަނަށް އިޒްރޭލާއެކު ގުޅުން ޤާއިމުކޮށްފައެއް ނުވެއެވެ. އަދި އިޒްރޭލާއި ފަލަސްތީނުގެ މެދުގައި އޮތް އަހަރުތަކެއް ދިގު ހަމަނުޖެހުން ހައްލުކުރުމަށް ދެ ދައުލަތުގެ ހައްލެއް ގެނައުމަށް އެ ޤައުމުން އަބަދުވެސް ގޮވާލަމުން އައިސްފައިވެއެވެ.
"އަޅުގަނޑު ވަނީ އެކި ފަހަރު މަތިން ބުނެފައި، އިންޑޮނޭޝިއާއިން ދެކޭ ގޮތުގައި ދެ ދައުލަތުގެ ހައްލު އަދި ފަލަސްތީނުގެ މިނިވަންކަމަކީ ހަޤީޤީ ސުލްހަ ހޯދުމަށް އޮތް ހަމައެކަނި މަގު ކަމަށް،" ރައީސް ސުބިއަންތޯ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

