ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ރާއްޖެއަށް އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މި މަސްތުވާތަކެތި ފޮރުވާފައި ހުރީ ޕްލާސްޓިކް ގަސްމުށިތަކެއްގައެވެ. އަދި މިތަކެތި ރާއްޖެއަށް ގެނަސްފައިވަނީ ބެންގަލޫރުން އައި ފްލައިޓެއްގައި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދެއެވެ.

ކަސްޓަމްސްއިން ހިންގި ޓެސްޓުތަކުން، އަތުލެވުނު މަސްތުވާތަކެތީގެ ބާވަތަކީ ކެނަބިނޮއިޑް އޮއިލް ކަމަށް ދައްކައެވެ. މި މަސްތުވާތަކެތި ހުރީ 33 ޕެކެޓުގައި ކަމަށާއި، މީގެ މަގުމަތީގެ އަގު ގާތްގަނޑަކަށް 26 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސްއިން ފާހަގަކުރެއެވެ.

މި ހާދިސާއާ ގުޅިގެން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުތަކާ އެއްގޮތަށް، ރާއްޖޭގެ ބޯޑަރު ފުރިހަމައަށް ބެލެހެއްޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިވެފައިވާ މާޙައުލު ނައްތާލައި، އެފަރާތްތަކާ ޤާނޫނު ދަނީ އަރައިހަމަކުރަމުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަނަކީ، ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އެއް އޮޕަރޭޝަން ކަމުގައި ބެލެވެއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް