ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް އެކްޓިވިސްޓުންނެއް ޣައްޒާއަށް ވަނުމަށް މަސައްކަތް ކުރުމަށް މާދަމާ މިސްރުގެ ވެރިރަށް ޤާހިރާއަށް ފައިބާނެއެވެ. މިމީހުންގެ ރަމްޒީ މާޗު ކުރުމަކީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރަ ކުރުމާ ދެކޮޅަށް ބާއްވާ ބައިނަލްއަގްވާމީ ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތެކެވެ.
ޓިއުނީޝިއާގެ އެކްޓިވިސްޓުން އިސްވެ ތިބެގެން ޣައްޒާއަށް ކުރާ ގްލޯބަލް މާޗްގައި ބައިވެރިވާ ގާތްގަނޑަކަށް 1،000 މީހުން ޓިއުނީޝިއާގެ ވެރިރަށް ޔޫނުސްއިން ފުރިތާ އެއްދުވަސްފަހުން ލީބިޔާއަށް އައިސްފިއެވެ. މިމީހުން މިހާރު ދަނީ ލީބިޔާގައި އަރާމު ކުރަމުންނެވެ. މިމީހުން މިސްރުގެ ބޯޑަރަށް މިއަދު ނޫނީ މާދަމާ ކައިރި ކުރާނެއެވެ. މިސްރުން މިމީހުން ވަނުމަށް އަދި ހުއްދަ ދީފައެއް ނުވެއެވެ. މި މީހުން ދަތުރު ކުރަނީ 9 ބަހުގެ ގާފިލާއެއްގައެވެ.
ޞުމޫދަށް ތާއީދު ކުރަނީ ޓިއުނީޝިއާގެ ލޭބަރ ޔޫނިއަން އާއި ނޭޝަނަލް ބާ އެސޯސިއޭޝަން އާއި ޓިއުނީޝިއަން ލީގް ފޯ ހިއުމަން ރައިޓްސް އަދި ޓިއުނީޝިއަން ފޯރަމް ފޯ އިކޮނޮމިކް އެންޑް ސޯޝަލް ރައިޓްސް އިންނެވެ.
މާދަމާ މިސްރަށް ފައިބާ 50 ޤައުމުގެ އެކްޓިވިސްޓުންގެ ތެރެއިން ބައެއް އެކްޓިވިސްޓުންނަކީ ފަލަސްތީނުގެ ޒުވާނުންގެ ހަރަކާތާއި އަދި އެމެރިކާގެ ކޯޑްޕިންކް ވިމެން ފޯ ޕީސް އަދި އިނގިރޭސިވިލާތުގެ ޖޫޒް ވޮއިސް ފޯ ލޭބަރ ފަދަ ގްރާސްރޫޓް ޖަމްޢިއްޔާތަކާ ގުޅިފައިވާ ބައެކެވެ.

