މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އިޒްރޭލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ފެންނަމުންދާ ކުޑަކުދިން ޝަހީދުކޮށްލާ ތަސްވީރުތަކަކީ "ވޭންދެނިވި" ތަސްވީރުތަކެއް ކަމަށާއި އެކަމުން އޭނާއަށް ހިތްދަތިކަން ލިބިފައިވާ ކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ސްޕެއިންގެ މެނޭޖަރު ހޯމަ ދުވަހު ޔުނިވާސިޓީ އޮފް މެންޗެސްޓާއިން ޝަރަފުވެރި ޑިގްރީއެއް ހާސިލް ކުރުމަށް ފަހު ހާޒިރީންނާ މުޚާތަބު ކުރަމުން ބުނީ "އަނިޔާވެރިކަމާ ކުރިމަތިލާއިރު" ހިމޭނުން ތިބުން އިޚްތިޔާރު ކުރުމުގެ ބަދަލުގައި އެކަމާ ދެކޮޅަށް ވާހަކަ ދެއްކުމަށް ދުނިޔެއަށް އިލްތިމާސް ކުރާ ކަމަށެވެ.
އޭނާގެ ތިން ދަރިން ކަމަށްވާ މާރިއާ، މާރިއަސް އަދި ވެލެންޓީނާގެ ނަން ފާހަގަކޮށް ގާޑިއޯލާ ބުނީ ޣައްޒާގައި ކޮންމެ ދުވަހަކު ހެނދުނު ފެންނަ މަންޒަރުތަކުން ޣައްޒާގައި ތިބި ކުދިންގެ ހަނދާން އާވާ ކަމަށާއި އަދި އެއީ ބަލަން އުދަގޫ މަންޒަރުތަކެއް ކަމަށެވެ.
ޣައްޒާގެ 2.3 މިލިއަން ރައްޔިތުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ކުޑަކުދިންނެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކުގައި މިހާތަނަށް 17،400 ކުޑަކުދިން ޝަހިދުކޮށްފައި ވެއެވެ. އަދި އިމާރާތްތަކުގެ ދަށުވެގެން ހޯދިފައި ނުވާ އެތައް ކުދިންނެއްވެސް އެބަތިބި ކަމަށް ޣައްޒާ ހެލްތު މިނިސްޓްރީން ބުނެއެވެ.






