ރިސޯޓުތަކުން މުވައްޒަފުންނަށް ސާވިސް ޗާޖު ދިވެހި ފައިސާއިން ދިނުމަކީ ހައްޤު ގޮތް: ގާސިމް

ބައެއް ބޮޑެތި ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު މިއަންނަ މަހުން ފެށިގެން ދިވެހި ރުފިޔާއިން ދޭން ނިންމުމަކީ ހައްޤު ނިންމުމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިޚްތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރު ކުރުން ކަމަށެވެ.

"ފަތުރުވެރީން އަތުން ސާވިސް ޗާޖު ނަގަނީ ޑޮލަރުންނެވެ. އެހެންކަމުން އެ ހައްޤު ހަމަ އެގޮތަށް މުވައްޒަފު މީހާއަށް ލިބިދޭން ޖެހޭނީ ޑޮލަރުންނެވެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ޑޮލަރުން ނޫން ގޮތަކަށް މުވައްޒަފު މީހާ ސާވިސް ޗާޖު ލިބުގަތުމަށް އިންކާރުކުރާނަމަ، އެއީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 212 ވަނަ މާއްދާގައި ބަޔާންކުރާ، މަކަރާއި ޙީލަތުން ނުވަތަ ޓެކުމުން އެހެން މީހެއްގެ މުދަލެއް ނިގުޅައިގަތުން ކަމަށް ބެލުމުގެ ފުރުޞަތު އޮތް ކަމަށެވެ.

"އަޅުގަނޑަކީވެސް އެތައް ހާސް މުވައްޒަފުން ގެންގުޅޭ ކެޓަގަރީ އޭ ގެ ރިސޯޓުތަކެއް ހިންގާ މީހެކެވެ. އަޅުގަނޑުމެންނަށް ވެސް މި ދަތި އެބައޮތެވެ. ނަމަވެސް މިއީ މުވައްޒަފުންގެ ވަރަށް ބޮޑު ހައްޤެއް ކަމުގައިވެފައި، ޤާނޫނުންވެސް އެ ލުއި ރިސޯޓުތަކަށް ޑޮލަރު މާރުކުރުމުގައި ލިބިދީފައިވާ އިރު، ރިސޯޓުތައް ހިންގުމުގައި ދަތިވާކަމަށް ބުނެ ސާވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމުން މުވައްޒަފުންނަށް ލިބެނީ މާބޮޑު ގެއްލުމެކެވެ،" ގާސިމް ވިދާޅުވިއެވެ.

ގާސިމަކީވެސް މުވައްޒަފުންނަށް މުސާރަ ދިނުމުގައި މައްސަލަތަކެއް އުޅޭ ފަރާތެއް ކަމަށް މީސްމީޑިއާގައި ފާހަގަ ކޮށް މީހުން ފާޑު ކިޔާފައި ވެއެވެ.

ގާސިމް އިތުރަށް ފާހަގަކުރެއްވީ، ބައެއް އެހެން ކުންފުނިތަކުން މި ހާލަތާ ގުޅިގެން މުސާރަވެސް ދިވެހި ރުފިޔާއިން ދޭން ނިންމަން އުޅޭ ކަމުގެ ޚަބަރަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި މުވައްޒިފުންނާ އެގްރީމަންޓް ކޮށްފައިވާ މުއްދަތުގައި ޑޮލަރުން މުސާރަ ދިނުމަށް އެއްބަސްވެފައިވާނަމަ އެ މުއްދަތުގައި މުސާރަ ދޭންޖެހޭނީ ޑޮލަރުން ކަމަށް ވެސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް