އީރާނަށް ހަމަލަ ދީގެން ނުވާނެ: ރަޝިޔާ

ސެއިންޓް ޕީޓާސްބާގް އިންޓަނޭޝަނަލް އިކޮނޮމިކް ފޯރަމް (އެސްޕީއައިއީއެފް) ގެ ހަވާސާގައި ބޭއްވި ނިއުސް ބްރީފިންގައި ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ވިދާޅުވީ އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ފިޔަވަޅުތަކަށް ވަދެ ނުގަތުމަށް މޮސްކޯއިން އެމެރިކާއަށް އިންޒާރު ދޭ ކަމަށެވެ.

"އަޅުގަނޑުމެން ވަކިން ހާއްސަކޮށް ވޮޝިންޓަނަށް އިންޒާރު ދޭން ބޭނުންވަނީ މި ހާލަތުގައި އަސްކަރީ ތަދައްޚުލުވުމާ މެދު. އެއީ އެކަމަކީ ހަގީގަތުގައި ލަފާނުކުރެވޭ ނޭދެވޭ ނަތީޖާތަކާއެކު އިންތިހާއަށް ނުރައްކާތެރި ފިޔަވަޅަކަށް ވާނެތީ" ޒަޚަރޯވާ ވިދާޅުވި އެވެ.

އޭނާ މި ބަޔާން ދެއްވާ ފައިވަނީ ބްލޫމްބާގުން އެމެރިކާ ހަމަލައަކަށް ތައްޔާރުވި ކަމަށް ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

ޒަޚަރޯވާ ފާހަގަކުރެއްވި ގޮތުގައި އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމުގެ މަގުސަދުގައި ސިޔާސީ އަދި ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ރަޝިޔާއިން ހީވާގިކަމާއެކު ހަރަކާތްތެރިވެ އެވެ. "މިއަދު އިސްކަންދެނީ އަނިޔާވެރިކަން އިތުރުވުން ހުއްޓުވައި، ހަނގުރާމަ ހުއްޓާލުމާއި ސުލްހަ ގާއިމްކުރުމަށް. މިކަމަކީ ހާލަތު އަލުން ބަދަލުކޮށް މަޝްވަރާގެ މޭޒަށް ދެ ފަރާތް ގެނައުމަށް ބޭނުންވާ ޝަރުތުތައް އުފެއްދުމަށް ވަރަށް މުހިންމު ފިޔަވަޅުތަކެއް." އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޯވް ވެސް ވަނީ ހަރަކާތްތެރި ކަމާއެކު، އީރާނާއި ތުރުކީ، މިސްރު، އަދި އޮމާންގެ ފޮރިން މިނިސްޓަރުންނާ މުއާމަލާތް ކުރައްވައިފައެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް