އިޒްރޭލުން އިސްވެ، އީރާނަށް ދިން އުދުވާނީ ހަމަލައަކީ ސަރާސަރު އަނިޔާވެރި އަމަލެއް ކަމަށާއި އިޒްރޭލުން އުދުވާނު ހުއްޓާލަން ޖެހޭނެ ކަމަށް ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ. ސައޫދީ ޚާރިޖީ ވަޒީރު، އިސްތަންބޫލުގައި އޯއައިސީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔަހޫދީންގެ އުދުވާނީ އަމަލު ކުށްވެރިކުރައްވާ ކަމަށް ވިދާޅުވިއެވެ.
ފައިސަލް ބިން ފަރުހާން ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައްވާފައެވެ. އިސްތަންބޫލުގައި ހުންނަ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ޚާރިޖީ ވަޒީރުން ވަނީ ކުއްލި ބައްދަލު ވުމެއް ބާއްވައި، އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށްފައެވެ. އަދި އިޒްރޭލުން އީރާނަށް ދޭ ހަމަލާތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ސާފުކޮށް ހިލާފު އަމަލުތަކެއް ކަމަށް ސައުދީ ޚާރިޖީ ވަޒީރާއެހެން ވަޒީރުންވެސް ވިދޅުވިއެވެ.
"އީރާންގެ އިސްތިގުލާލާއި ސަލާމަތަށް ބުރޫއަރާ، ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކާ ސާފުކޮށް ހިލާފުވެ، ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާ ގޮތަށް އިޒްރޭލުން ހިންގާ ފާޅުކަން ބޮޑު އަނިޔާވެރި އަމަލުތައް ކުށްވެރިކުރައްވާ" ކަމަށް ފައިސަލް ބިން ފަރުހާން ވިދާޅުވިއެވެ. އަދި މައްސަލަތައް ހައްލު ކުރުމަށް މަޝްވަރާ އިސް ކުރުމަށްވެސް ގޮވާލެއްވިއެވެ.

