ސައޫދީ އަރަބިއްޔާއިން ކަންމަތީ ފިހާރަކުގައި ތަރުކާރީއާއި މަސްވިއްކުން މަނާކޮށްފި

ސައޫދީ އަރަބިއްޔާގައި ކަންމަތީ ފިހާރަތައް (މިނީމާކެޓްތައް) ގައި ދުންފަތާއި ކަދުރާއި އެއްގަމު މަހާއި އަދި ކަނޑު މަހާއި މޭވާ އަދި ތަރުކާރީ ވިއްކުން މަނާކޮށްފިއެވެ.

މިނިސްޓަރު އޮފް މުނިސިޕަލްޓީސް އެންޑް ހައުސިން  އިން ނެރެފައިވާ އައު ގަވާއިދުގައި ވަނީ މިނީ މާކެޓްތަކާއި ސުޕަމާކެޓްތަކާއި ހައިޕާމާކެޓްތައް ހިންގާ ތަންތަނުގެ ފިހާރައިގެ މިންތައްވެސް ކަނޑައަޅާފައެވެ.

މުނިސިޕަލްޓީ މިނިސްޓްރީގެ މި ނިންމުމަކީ ވަގުތުން އަމަލު ކުރާ ގޮތަށް ނެރެފައިވާ ނިންމުމެކެވެ. ނަމަވެސް މިހާރު ހުރި ތަންތަނަށް ގަވާއިދަށް ފައްތަން ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އާ ގަވާއިދުގައިވާ ގޮތުން ކިއޮސްކްތަކާއި ގްރޮސެރީ ސްޓޯރުތަކުގައި ނުވަތަ މިނީ މާކެޓްތަކުގައި މަހާއި ކަދުރާއި މޭވާ އަދި ތަރުކާރީގެ އިތުރުން ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެއެވެ. ދުންފަތުގެ ބާވަތުގައި ގަވާއިދުން ބޭނުންކުރާ ދުންފަތާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ގުޑުގުޑާއަށް ބޭނުންވާ ބާވަތްތައް ވިއްކުން މަނާވާނެއެވެ.

މި ތަކެތި ދެން ވިއްކަން ވާނީ ސުޕަ މާކެޓްތަކުގައި އެކަންޏެވެ.

އެއްގަމު މަހާއި ކަނޑު މަސް ވިއްކުމަށް ވަކި ލައިސަންސެއް ވެސް ދެން ބޭނުންވާނެއެވެ.

ގްރޮސެރީ ފިހާރަތަކާއި ސުޕަމާކެޓް އަދި ހައިޕަރމާކެޓްތަކުގައި ފޯނު ޗާޖަރު އަދި ކޭބަލާއި ޕްރީޕެއިޑް ރީޗާޖް ކާޑު ވިއްކުމުގެ ހުއްދަ ވެސް ދީފައި ވެއެވެ.

މި ގަވާއިދުގައި ބުނެފައި ވަނީ:

ކަންމަތީ ފިހާރަ ނޫނީ މިނީ މާކެޓްގެ ފިހާރައެއްގެ އެންމެ ކުޑަ މިނަކީ 24 އަކަމީޓަރެވެ.

ސުޕަމާކެޓްގެ އެންމެ ކުޑަ މިނަކީ 100 އަކަމީޓަރެވެ.

ހައިޕަރމާކެޓްގެ އެންމެ ކުޑަމިނަކީ 500 އަކަމީޓަރެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް