ސޮވަރިން ފަންޑަށް ޖަމާކުރި ފައިސާ އެއް ބިލިޔަން ރުފިޔާއަށްވުރެ އިތުރުވެއްޖެ

މާލީ ވުޒާރާއިން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވޮލޮޕްމެންޓް' ރިޕޯޓުގައިވާ ގޮތުން، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެސްޑީއެފްއަށް ޖުމްލަ 1.18 ބިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ 2022 ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި 784 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 51.6 އިންސައްތައިގެ އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާކުރި ފައިސާގެ އަދަދު މިއައެކު އެއް ބިލިޔަން ރުފިޔާއަށް ވުރެ އިތުރުވެގެން ދިޔައީއެވެ. 

އަދި މި މުއްދަތުގެ ތެރޭގައި ދަރަނި އަދާކުރުމަށް ކުރި ހޭދަވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 3.5 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު އަދާކުރުމަށް ހޭދަކުރި 1.6 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 127.8 އިންސައްތައިގެ އިތުރުވުމެކެވެ.

ސޮވަރިން ފަންޑަކީ 2016 ވަނަ އަހަރު އުފެއްދި ފަންޑެކެވެ. މި ފަންޑަށް ފައިސާ ޖަމާކުރަނީ ތިން މައިގަނޑު ދިމާލަކުންނެވެ. އެއީ އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއަރޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.

މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެއް ކަމަށްވާ މި ފަންޑަކީ ކުއްލި ހާލަތްތަކުގައި ކުރިމަތިވެދާނެ ކަންކަމަށާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާ ލޯނުތައް އަނބުރާ ދެއްކުމަށާއި އިޤްތިޞާދަށް އަންނަ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ބޭނުން ކުރާ ފަންޑެކެވެ.

ހިއްސާ ކުރައްވާ!