ޤުރުޠުބާ މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިއްޖެ

ސްޕެއިންގެ ދެކުނުގައި ހުންނަ މަޝްހޫރު ޤުރުޠުބާ މިސްކިތުގައި ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ ފަޔަރ ސަރވިސްއިން ވަނީ ކޮންޓްރޯލް ކޮށްފައެވެ. މި ތާރީޚީ ތަރިކަ ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތް ކާމިޔާބުވެފައިވާ ކަމަށް ސަރުކާރު ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.

ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނޭ މި ތާރީޚީ އަދި ފަތުރުވެރިކަމުގެ މަރުކަޒަށް އަހަރަކު ގާތްގަނޑަކަށް 2 މިލިއަން މީހުން ޒިޔާރަތްކުރެއެވެ. އަލިފާން ރޯވެފައިވާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ފެތުރިފައެވެ.

ޤުރުޠުބާ ސިޓީގެ މޭޔަރު ޚޯސޭ މަރިއާ ބެލީދޯ ވިދާޅުވި ގޮތުގައި މި ތާރީޚީ ތަރިކަ ވަނީ ސަލާމަތް ކުރެވިފައެވެ. "އަލިފާން އިތުރަށް ފެތުރިގެން ނުދާނެ، އަދި މިއީ ބޮޑު ކާރިސާއަކަށް ނުވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފާން ރޯވެފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ. މީޑިއާ ރިޕޯޓުތަކުން ދައްކާގޮތުގައި އަލިފާން ރޯވެފައިވަނީ ވެކިއުމް ކްލީނަރެއް ސޯޓުވުމުގެ ސަބަބުންނެވެ.

ޤުރުޠުބާއަކީ އުމަވީ ޚިލާފަތާ ދެކޮޅަށް އަބުލްޢައްބާސް އައްސަފާޙް ހިންގު ގަތުލުއާންމުން ސަލާމަތްވި ޢަބްދުއްރަޙުމާން އައްދާޚިލު ސްޕެއިންގައި ގާއިމް ކުރެއްވި ޚިލާފަތުގެ ވެރިރަށެވެ.

ޤުރުޠުބާ މިސްކިތަކީ މުސްލިމުން ބަލި ކުރުމަށްފަހު އިޒަބެއްލާއާއި ފާރޑިނަންޑް އެސިޓީ ހިފުމަށްފަހު ނަސާރާ ފައްޅިއަކަށް ބަދަލުކޮށްފައިވާ ތަނެކެވެ. އެ މިސްކިތް ބިނާ ކޮށްފައި ވަނީ 8 ވަނަ އަދި 10 ވަނަ ޤަރުނުގައި އުމަވީ އަމީރުންނާއި ޚަލީފާއިން ނެވެ. މި ޢިމާރާތުގެ މަސައްކަތް ފެށުނީ 8 ވަނަ ޤަރުނުގައި އަމީރު ޢަބްދުއްރަޙްމާން އައްދާޚިލްގެ ޒަޢާމަތުގައެވެ. އޭގެ ފަހުން 4 ޤަރުނުގެ މުއްދަތުގައި މި ޢިމާރާތް ވަނީ އިތުރަށް ތަރައްޤީ ކުރެވިފައެވެ. 1236 ވަނަ އަހަރު ނަސާރާއިންގެ އަތްދަށަށް އެސިޓީ ދިއުމާއެކު މިތަން ކެތީޑްރަލްއަކަށް ބަދަލުކޮށް، ކެތޮލިކް ދީނުގެ ޢިމާރާތްތަކެއް ވަނީ ހަރިންމައަށް އިތުރުކުރެވިފައެވެ.

ހިއްސާ ކުރައްވާ!