ހިތް އުފާކޮށްލުމަށް ކުރާ ކައިވެންޏަކީ އިސްލާމީ ޝަރީއަތުގައި ހުއްދަ ކައިވެންޏެއް ނުން ކަމަށް ކަނޑައަޅައި މިސްރުގެ ދާރުލް އިފްތާއިން ފަތުވާ ނެރެފިއެވެ. މީސްމީޑިއާގައި މިފަހަކަށް އައިސް، ހިތް އުފާ ކޮށްލުމަށް ކުރާ ”زواج النفحة” އާ ބެހޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކާފައި ވެއެވެ.
ދާރުލް އިފްތާއިން ބުނެފައި ވަނީ މި ބާވަތުގެ ކައިވެނީގެ އެއްބަސްވުމަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާއި ސައްޙަ ކައިވެނީގެ ރުކުންތަކާއި ސާފުކޮށް ޚިލާފު ކަމެއް ކަމުގައި ވާތީ، އެފަދަ ކައިވެންޏަކީ ދީނީ ގޮތުން ޙަރާމް އަދި އަސާސީ ގޮތުން ބާޠިލު ޒަވާޖީ އެއްބަސްވުމެއް ކަމަށެވެ.
އަދި ޝަރީއަތުން ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ތަފާތު ނަމެއް ދިނުމުން އޭގެ ބާޠިލު އަސްލު ސިފައަށް ނުވަތަ ގާނޫނީ ހައިސިއްޔަތަށް ބަދަލެއް ނާންނަކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ހިތް އުފާކޮށްލުމަށް ކުރާ ކައިވެންޏަކީ ފިރިހެނަކާއި އަންހެނަކާ ދެމެދު ވެވޭ އެއްބަސްވުމެއްގެ މައްޗަށް ވެވޭ ކައިވެންޏެކެވެ. އޭގައި ރަން ކިޔުމާއި ޚަރަދު ދިނުން ހިމެނެއެވެ. ނަމަވެސް ބޭނުން ކޮންމެ ވަގުތެއްގައިވެސް ދެމީހުން ކުރެން މީހަކު ބޭނުން ވެއްޖެނަމަ ނޫނީ ދެމީޙުން ކުރެ އެކަކު ބޭނުންވި ނަމަވެސް ވަރި ކުރެވިދާނެއެވެ. އަދި ބަލިވެ އިންނަ ހާލަތެއްގައި ފިރިހެންމީހާއަށް ދަރި ލެއްވިދާނެ އެވެ. ނޫނީ ބޭނުންނަމަ އެހެން މީހަކަށްވެސް ދަރި ނިސްބަތް ކުރެވިދާނެއެވެ. ކައިވެނި ކުރާއިރު ވަލީވެރިޔާގެ ރުހުން ބޭނުމެއް ނުވެއެވެ. އަދި ރަސްމީ ލިޔެ ކިޔުމެއް ނޫނީ ކައިވެނި ރަޖިސްޓްރީ ކުރުމެއް ވެސް ނޯވެއެވެ.
ދާރުލް އިފްތާއިން ބުނެފައި ވަނީ މި އިސްވެ ބުނެވުނު ކަންކަން އެގޮތަށް އޮތުމުން މި ކައިވެނީގެ އަޤްދަކީ ބާޠިލު ޢަޤްދެއް ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ މުހިންމު ރުކުންތައް ނުހިމަނައި ޞައްޙަ ކައިވެންޏަކުން އިސްލާމީ ޝަރީޢަތުން ޙަރާމް ކޮށްފައިވާ ފަދަ ކައިވެންޏަކަށް ބަދަލު ކޮށްލަނީ އެވެ.
ދާރުލް އިފްތާ އިން ފާހަގަކުރި ގޮތުގައި ވަލީ ވެރިޔާގެ ރުހުން ނެތުމާއި، ކައިވެނީގެ ރަސްމީ ލިޔެކިޔުންތައް ނެތުމާއި، އާންމުންނަށް ކައިވެނި ފޮރުވުމާއި، ކުދިންގެ ނަސްލު ބަފާގެ އިޚްތިޔާރަށް ދޫކޮށްލުމަކީ ލޯތްބާއި ކުލުނާއި މަވައްތަދާއި ރަޙްމަތާއި ހަމަޖެހުން ހޯދުމަށް މާތްالله ކަނޑައަޅުއްވާފައިވާ ޝަރުޢީ ކައިވެނީގެ މަޤްޞަދުތަކާ ޚިލާފު ކަންކަމެވެ. އެގޮތުން މިފަދަ އަޤްދުތަކަކީ ﷲގެ ޙުކުމްތަކަށް ގޮން ޖެހުމެއް ކަމަށާއި، މިކަންކަމުން އިޖުތިމާޢީ ފަސާދައަށް ދޮރު ހުޅުވޭ ކަމަށްވެސް ބުނެފައި ވެއެވެ.
ދާރުލް އިފްތާއިން އިތުރަށް ބުނެފައި ވަނީ އިސްލާމްދީނުގައި ކައިވެނީގެ އެއްބަސްވުމަކީ އޭގެ ދެމިއޮތުމާއި މަގުސަދުތައް ހާސިލްކުރުމަށް ޝަރުތުތަކާއި ރުކުންތަކަކުން ރައްކާތެރިކަމުގެ އިމެއް ކަނޑައެޅިފައވާ ކަމެއް ކަމަށާއި އެއީ ހަމައެކަނި އެދުން ފުއްދުމަށް ނުވަތަ ޒިންމާއިން ރެކުމަށް ކުރާން އޮންނަ ކަމެއް ނޫން ކަމަށެވެ.
ކައިވެންޏަކީ އިއުލާނެއް ކުރުމާއި، ރުހުމާއި، ލިޔެކިޔުންތަކާއި، ވަލީވެރިއަކު ހުރުމާއި، ފާޅުގައި ނިންމާ ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެއީ އެކަމުގައި ސިއްރުވެރިކަމަކާއި ނާޖާއިޒު ގުޅުމެއް ނުހިމެނޭ ކަމެއް ކަން ވެސް ފާހަގަ ކޮށްފައި ވެއެވެ.
ދާރުލް އިފްތާ އިން ބުނެފައި ވަނީ ހިތް އުފާކޮށްލުމަށް ކުރާ ”زواج النفحة” އަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާ ޚިލާފު ހަރާމް ކައިވެންޏެއް ކަމަށާއި، އެއީ "ޝަރުޢީ ކައިވެންޏެއް" ކަމަށް ބުނި ނަމަވެސް، ބާޠިލު ކައިވެންޏެއް ކަމަށެވެ.
އަދި އެދުން ފުއްދުމަށްޓަކައި ބަހަނާއެއް ދައްކައިގެން އެފަދަ ކައިވެންޏެއް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށާއި، ކައިވެނި ކުރަން ބޭނުންވާ ކޮންމެ މީހަކު ވެސް ޝަރުޢީ އުސޫލުތަކަށް ތަބާވާން ޖެހޭ ކަން ފާހަގަކޮށްފައިވެ އެވެ.
މިފަދަ ކައިވެންޏަކީ އެހެން ނަމެއްގައި ދައްކަން އުޅުނު ނަމަވެސް ޒަވާޖުލް މުތުޢާ ފަދަ ހަރާމް ކައިވެންޏެއް ކަމަށްވެސް ބުނެފައި ވެއެވެ.