ޕާކިސްތާނުގެ ހަރުކަށި އިސްލާމީ ޖަމާޢަތް ކަމަށްވާ ތަހްރީކޭ ލައްބައިކް ޕާކިސްތާން (ޓީއެލްޕީ) އިން ހިންގި މުޒާހަރާތަކުގައި ލާހޯރުގައި 2 މީހަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ. އަދި އިސްލާމާބާދުގައި އެމެރިކާ އެމްބަސީއާ ދިމާލަށް ހިނގާފައި ދިޔަ މާރޗެއް ހުއްޓުވުމަށް ސަލާމަތީ ދާރުތަކުން ބެރިކޭޑްތައް ވެސް ޖެއްސެވެ.
ޕާކިސްތާންގެ އާންމު އިސްލާމީ ފިކުރު ކަމުގައިވާ ބްރޭލްވީ ފިކުރުގެ ޚާދިމް ހުސައިން ރިޒްވީ 2015 ވަނަ އަހަރު އުފެއްދި މި ޖަމާޢަތަކީ 2017 ގައި ފައިޒްއާބާދު ގައި ބެއްވި ހަޅުތާލުން ފާހަގަކޮށްލެވުނު ޖަމާޢަތެކެވެ. 2020 ގައި ރިޒްވީ ނިޔާވުމާ ގުޅިގެން އޭނާގެ ދަރިފުޅު ސަޢުދު ރިޒްވީ ވަނީ ޖަމާޢަތުގެ ވެރިކަމާ ހަވާލުވެފައެވެ. 2021 ގައި ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން މި ޖަމާއަތް ވަނީ ޕާކިސްތާންގައި މަނާ ކޮށްފައެވެ. ނަމަވެސް ޕާކސިްތާން ސިފައިންނާ އެކު ވެފައިވާ ސިއްރު އެއްބަސްވުމަކާ ގުޅިގެން އަލުން ހުއްދަކުރެވުނެވެ.
މިހާރު ބާއްވާ މުޒާހަރާތަކުގެ ފަހަތުގައި ވެސް ސިފައިންގެ ބަޔަކު ތިބޭ ކަމަށް ތުހުމަތުކުރެވެއެވެ. ޚާއްޞަކޮށް 2018 ގައި ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލް-އެން) ބަލިކޮށްލުމަށް މި ޖަމާޢަތް ބޭނުންކުރެވުނު ކަމަށް ބެލެވެއެވެ.
އިޤްތިޞާދީ ހީނަރުކަމާއި ހަރުކަށިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، ޓީއެލްޕީގެ މުޒާހަރާތައް އަލުން ފެށުމުން ދައްކުވައިދެނީ ޕާކިސްތާނުގެ ޑިމޮކްރެޓިކް މުއައްސަސާތަކުގެ ބަލިކަށިކަމާއި، އަސްކަރިއްޔާގެ ދެމިގެންވާ ނުފޫޒެވެ.