ޕާކިސްތާނުން އެމެރިކާއާ އެކު ހަދާފައިވާ ސްޓްރެޓެޖިކް އެއްބަސްވުމެއްގެ ދަށުން 500 މިލިއަން ޑޮލަރުގެ ސްޓްރެޓެޖިކް ނާދިރު މައުދަންތަކުގެ ފުރަތަމަ ޝިޕްމަންޓް އެމެރިކާއަށް ފޮނުވައިފިއެވެ. މި ޝިޕްމަންޓް ފޮނުވާފައިވަނީ އެމެރިކާގެ ސްޓްރެޓެޖިކް މެޓަލްސް (ޔޫއެސްއެސްއެމް) އާއެކު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
މިމައުދަންތަކަކީ ޕާކިސްތާންގެ އެންމެ ގާތް ބައިވެރިޔާ ޗައިނާއިން އެމެރިކާއަށް ވިއްކަން ދެކޮޅުހަދާ މައުދަންތަކެވެ.
މި ފުރަތަމަ ޝިޕްމަންޓްގައި ހިމެނެނީ އެންޓިމޮނީ، ކޮޕާ ކޮންސެންޓްރޭޓް، ނިއޯޑައިމިއަމް އަދި ޕްރެސިއޯޑައިމިއަމް ކަމަށް ޕާކިސްތާން ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ޕާކިސްތާނުގައި ގިނަ އަދަދަކަށް ހުރި މަޢުދަން ރިޒާވްތައް ތަރައްގީކޮށް، އެތެރޭގައި އެ މައުދަންތައް ޕްރޮސެސްކުރުމުގެ ފެސިލިޓީތައް ގާއިމުކުރުމެވެ.
މި ޑީލަކީ ޕާކިސްތާނާއި އެމެރިކާގެ ގުޅުމަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ބައެއް ފާޑުކިޔުންތެރިން ވަނީ މި އެއްބަސްވުމުގެ ދެފުށް ނުފެންނަ އެއްބަސްވުންތަކާއި ޝަރުތުތަކާއި، ޕާކިސްތާނުގެ މައްޗަށް އެމެރިކާއިން ނުފޫޒު ދެއްކުމުގެ ފުރުސަތު އޮތް ކަމުގެ އިންޒާރު ދީފައެވެ. އިދިކޮޅު ލީޑަރުން ވަނީ މި އެއްބަސްވުމުގެ ހުރިހާ ތަފްސީލެއް ހާމަކުރުމަށް ގޮވާލައި، އާންމު ރައްޔިތުންނަށް ވުރެ ސަރުކާރުގެ އިސްވެރިންގެ މަސްލަހަތުތަކަށް މިކަމުގައި އިސްކަންދެވިފައިވާ ކަން ފާހަގަކޮށްފައެވެ.
ޕާކިސްތާނުގެ މަޢުދަނީ މުއްސަނދިކަން 6 ޓްރިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މާޒީގައި ކުރެވުނު މިފަދަ ވިޔަފާރިތަކުން ޕާކިސްތާން ރައްޔިތުންނަށް އެދެވޭ ފައިދާއެއް ލިބިފައެއް ނުވެއެވެ. މި އާ އެއްބަސްވުމަކީ ދުނިޔޭގެ މުހިންމު މަޢުދަންތަކުގެ ބާޒާރުގައި ޕާކިސްތާނުގެ ދައުރު އަލުން ބައްޓަންކޮށްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.




