މޮސްކޯއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތް ސޫރިޔާގެ ޖައުލާނީ ރައީސް ވަނީ ސޫރިޔާއިން އަސަދުގެ ވެރިކަމުގައި ރަޝިޔާއާއެކު ވެފައިވާ އެންމެހައި އެއްބަސްވުންތަކަށް އިޙުތިރާމް ކުރާނެ ކަމުގެ ޔަގީންކަން ޕޫޓިންއަށް ދެއްވާފައެވެ.
ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިން ވަނީ ސީރިޔާގައި ބޭއްވުނު ޕާލިމެންޓަރީ އިންތިޚާބާ ގުޅިގެން ސީރިޔާގެ ވަގުތީ ރައީސް ޖައުލާނީ ރައީސަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މި އިންތިޚާބަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި، މިއީ ސީރިޔާގެ ސިޔާސީ ބާރުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުވާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.
ޕުޓިން ވަނީ ސީރިޔާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ރަޝިޔާ ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. އަދި ސީރިޔާގެ ރައްޔިތުންގެ މަސްލަހަތަކީ އަބަދުވެސް ރަޝިޔާގެ އަމާޒު ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ރައްޓެހި ގުޅުމެއް ކަމަށާއި، މި ގުޅުން ބިނާވެފައި ވަނީ ދެފަރާތުގެ މަސްލަހަތުގެ މައްޗަށް ކަމަށް ފާހަގަކުރެއްވިއެވެ.
ޖައުލާނީ ރައީސް ވިދާޅުވެފައިވަނީ އައު ސީރިޔާގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ހުރިހާ ގައުމުތަކަކާއެކު ގުޅުން އަލުން ގާއިމުކުރަމުންދާ ކަމަށެވެ. އަދި ރަޝިޔާއާއެކު ގުޅުންތަކާއި މަސްލަހަތުތައް ހުރި ކަމަށާއި، ކުރީގެ ހުރިހާ އެއްބަސްވުންތަކަށް އިހުތިރާމްކުރާ ކަމަށާއި، ސީރިޔާގެ ހަކަތައިގެ ދާއިރާގެ ބޮޑު ބައެއް ބަރޯސާވަނީ ރަޝިޔާގެ ތަޖުރިބާކާރުންގެ މައްޗަށް ކަމަށް ވިދާޅުވެފައިވެއެވެ.