އިންޑިއާގެ ވަޒީފާގެ ބާޒާރު ބަދަލުވަމުން އަންނައިރު، އެގައުމުގައި ވަޒީފާގެ ފުރުސަތު ފަހިވެފައިވަނީ އައިޓީއާއި މަސްނޫއީ ބުއްދީގެ ދާއިރާގެ ވަޒީފާތަކަށެވެ. އަދި އިންޑިއާގައި އަންހެނުން ވަޒިފާއަށް ފަހިވެފައިވާ ނިސްބަތް ފިރިހެނުންނަށް ވުރެން އިތުރު ވެފައިވާ ކަމަށްވެސް ދައްކައެވެ.
އިންޑިއާގެ އާ ގައުމީ ހުނަރު ރިޕޯޓުން ހާމަވާ ގޮތުގައި މިއަހަރު ވަޒީފާއަށް ފައްކާވެފައިވާ އާބާދީގެ ނިސްބަތް ވަނީ 56 ޕަސެންޓަށް އިތުރު ވެފައެވެ. އަދި ވަޒީފާއަށް ފަހި ޑިގްރީތަކަކީ، ފަންނީ ޑިގްރީ ތަކާ ގުޅިފައިވާ ދާއިރާތައް ކަމަށްވެސް ދައްކައެވެ.
އިންޑިއާގައި އިއުލާން ކޮށްފައިވާ ގިނަ ވަޒީފާތަކަކީ ކޮމްޕިއުޓަރ ސައިންސް އަދި އައިޓީގެ ދާއިރާގެ ޑިގްރީ ހާސިލްކޮށްފައިވާ ފަރާތްތަކަށް ފަހި ވަޒީފާތަކެވެ. އެ ދާއިރާތަކުން ޑިގްރީ ހާސިލުކޮށްފައިވާ މީހުންގެ ތެރޭން 80 ޕަސެންޓާއި 78 ޕަސެންޓް މީހުންނަކީ ވަޒީފާއަށް ފައްކާވެފައިވާ މީހުންނެވެ. އިންޖިނިއަރިން ޑިގްރީ ހާސިލްކުރާ މީހުންނަށް 70 ޕަސެންޓަށް ވަޒީފާގެ ފުރުސަތު ފަހިކަމަށް ދައްކައެވެ.
އިންޑިއާގައި ވަޒީފާ ލިބުމުގައި އެންމެ ބޮޑަށް ފުރުސަތު ހަނިވެފައި ވަނީ ވޮކޭޝަނަލް ޓްރެއިނިން ހަދާފައިވާ ފަރާތްތަކަށެވެ. އެގޮތުން އިންޑަސްޓްރިއަލް ޓްރޭނިން އިންސްޓިޓިއުޓް ނިންމާ ދަރިވަރުންގެ ތެރެއިން ވަޒީފާގެ ފުރުސަތު އޮންތަކަމަށް ދައްކަނީ އެންމެ 46 ޕަސެންޓު މީހުންނަށެވެ. އަދި ވޮކޭޝަނަލް ޑިޕްލޮމާ ހޯދާފައިވާ މީހުންގެ ތެރޭން ވަޒީފާއަށް ފަހި ކަމަށް ދައްކަނީ 33 ޕަސެންޓް މީހުންނެވެ.
އިންޑިއާގެ ވަޒީފާގެ ބާޒާރުގައި އެންމެ ފުރުސަތު ފަހި ދާއިރާއަކީ އާޓިފިޝަލް އިންޓެލިޖެންސް ގެ ދާއިރާއެވެ. މަސްނޫއީ ބުއްދިއާ ގުޅުން ހުރި ވަޒީފާތަކަށް އިއުލާން ކުރާ ނިސްބަތް ވަނީ 600 ޕަސެންޓަށް އިތުރުވެފައެވެ. އަދި އިންޑިއާއަކީ، މިހާރު ދުނިޔޭގެ މަސްނޫއީ ބުއްދީގެ ފަންނުވެރިކަމުގެ ހުނަރުގައި 16 ޕަސެންޓް ހިއްސާކުރާ ގައުމެވެ. އަދި އިންޑިއާގެ 90 ޕަސެންޓަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާގެ މާހައުލުގައި ޖެނެރޭޓިވް އޭއައި ޓޫލްސް ބޭނުންކުރާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. މިއީ އިންޑިއާފަދަ އެހެން އިގްތިސާދުތަކަށް ވުރެން ގިނައިން އޭއައި ބޭނުންކުރާ އިގްތިސާދު ކަމަށް ދައްކާ ނިސްބަތެކެވެ.
ޖިންސުގެ ނިސްބަތަށް ބަލާއިރު މި ފަސް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އަންހެނުން ވަނީ ވަޒީފާގެ ފުރުސަތުގައި ފިރިހެނުންނަށް ވުރެން ކުރި ހޯދާފައެވެ. ވަޒީފާއަށް އަންހެނުންގެ 54 އިންސައްތަ ފައްކާ ކަމަށް ދައްކާއިރު ފިރިހެނުންގެ އެ ނިސްބަތް އުޅެނީ 51.5 އިންސައްތައިގައެވެ.
މީގެ ސަބަބެއް ކަމަށް އިންޑިއާގެ ގައުމީ ހުނަރުގެ ރިޕޯޓުގައި ބުނަނީ އެއީ، އޮފީހާއި ގެއިން މަސައްއކަތް ކުރުން އެއްކުރުމުގެ މޮޑެލްތަކާ ހެދި އައިސްފައިވާ ބަދަލެއް ކަމަށެވެ. އަދި އޭގެ އިތުރުން، ޑިޖިޓަލް ޓްރޭނިން ޕްރޮގްރާމްތަކުގެ ސަބަބުންނާއި ބޭންކިންއާއި، ތައުލީމާއި ސިއްހީ ފަރުވާގެ ދާއިރާއިން އާ ފުރުސަތުތައް އަންހެނުންނަށް ހުޅުވިގެން ގޮސްފައިވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އަންހެނުންނަށް ވަޒީފާ ދޭން ޖެހިލުން ނުވާކަންވެސް މިހާރު ހާމަވެއެވެ.
ރިޕޯޓުން ލާފާކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް މާލީއަހަރު 40 ޕަސެންޓް ކުންފުނިތަކުން އިތުރު ވަޒީފާގެ ފުރުސަތުތަކަށް ހުޅުވާލާނެއެވެ. އަދި މިދިޔަ އަހަރު ވަޒީފާއަށް އިއުލާން ކުރުން އިތުރު ވެފައި ވަނީ 29 އިންސައްތައިގައެވެ.
އެގޮތުން ކުރިމަގުގައި އިއުލާން ކުރާނެ ދާއިރާތަކަކީ ޓެކްނޮލޮޖީ، ބޭންކިން، އިއާދަކުރަނިވި ހަކަތަ، އަދި ސިއްހީ ފަރުވާގެ ދާއިރާއިން ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް ތަޖުރިބާކާރުން ބުޏާ ގޮތުގައި އިންޑިއާއިން ވޮކޭޝަނަލް ޕްރޮގްރާމްތައް ޒަމާނީ ނުކޮށްފިނަމަ އިންޑިއާގެ އިގްތިސާދުގައި އެތައް މިލިއަން މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތު ފަހި ނުވެދާނެ އެވެ.
India’s Job Market Brightens, but Unevenly: Tech Grads Soar as Vocational Training Lags

