އެމެރިކާ ރައީސް ޓްރަމްޕް މުސްލިމު ލީޑަރެއްގެ ނަމަކާ މެދު މިވަރަށް ގަޔާ ވަނީ ކީއްވެ؟

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އޭނާ އެންމެ ގަޔާވާ ލަފްޒަކީ، ޓެރިފް މި ލަފްޒް ކަމަށެވެ. މިއީ ޓްރަމްޕްވެސް އަދި ޔޫރަޕްގެ ވެރިންނާއި ވިޔަފާރި ވެރިން ކޮންމެ ދުވަހަކުހެން ބޭނުން ކުރާ ބަހެކެވެ. މިބަސް ވިދާޅުވަމުން މިބޭފުޅުންގެ ދޫފުޅަށް މިގެންނެވެނީ މުސްލިމެއްގެ ނަން ކަން މިބޭފުޅުންނަށް ވިސްނި ވަޑައިގަންނަވާނެ ނަމަ……!

ޓެރިފްއަކީ އިމްޕޯޓު ކުރާ މުދަލަށް ނޫނީ އެކްސްޕޯޓު ކުރާ މުދަލަށް ސަރުކާރުން ނަގާ ޑިއުޓީއަށް ކިޔާ ނަމެކެވެ.

ޓެރިފް މިބަސް ނިސްބަތް ވަނީ ޠަރީފް ބިން މާލިކް (طريف بن مالك) އަށެވެ.  ޠަރީފް ބިން މާލިކް އަކީ، މީލާދީން 710 ވަނަ އަހަރު (ހިޖުރައިން 91 ވަނަ އަހަރު) ސްޕެއިން ފަތަޙަ ކުރެއްވުމަށް ވަޑައިގަތް އެންމެ ފުރަތަމަ ފައުޖުގެ ލީޑަރެވެ. އެއީ، އައިބިރިއާ ޖަޒީރާއިން އައި މީހުންގެ ޝަކުވާތަކާ ގުޅިގެން އެމީހުން މިނިވަން ކޮށްދިނުމަށް އުތުރު އެފްރިކާގެ މުސްލިމު ކޮމާންޑަރަކަށް ހުންނެވި މޫސާ ބިން ނޫސައިރު ފޮނުއްވި ފުރަތަމަ ފައުޖުގެ ކޮމާންޑަރެވެ.

ގާތްގަނޑަކަށް 400 ހަނގުރާމަވެރިންނާއި 100 އަސްވާރުންނާއެކު ކަނޑު ހުރަސްކުރައްވައި، ސްޕެއިންގެ ދެކުނު އައްސޭރީގައި ޠަރީފް ބިން މާލިކު ބަނދަރު ކުރެއްވިއެވެ.

އޭނާ ބަނދަރު ކުރެއްވި ތަނަށް ނަން ދެވިފައި ވަނީ އޭނާގެ ނަމުންނެވެ. އަދި އެތަން ފަހުން ވެގެން ދިޔައީ މުހިންމު ވިޔަފާރި ބަނދަރަކަށެވެ. އަދި މިއީ ޠާރިޤު ބިން ޒިޔާދަށް އަންދަލުސް ފަތަޙަ ކުރުމަށް މަގުފަހިކޮށްދިން ފުރަތަމަ ފިޔަވަޅު ވެސް މެއެވެ.

އަންދަލުސް މުސްލިމުންގެ އަތުން ބީވުމަށްފަހު ޠަރީފް ޖަޒީރާ ވެގެން ދިޔައީ މުހިއްމު ވިޔަފާރީގެ މަރުކަޒަކަށެވެ. ބޯޓުތަކުން އެތނަތަށް ގެނަސް މުދާބާލައި އެއަށް ޓްރާންސިޓް ފީ ނަގަމުން ގެންދިޔައެވެ.

އެ ޓްރާންސިޓު ފީއަށް ސްޕެއިންގެ މީހުން ދިން ނަމަކީ ތާރީފާ އެވެ. އަދި ޒަމާން ފާއިތުވަމުން ގޮސް ތާރީފް، ޓެރިފަށް ބަދަލުވެ އެބަސް އިނގިރޭސިއާއި އެހެން ބަސްބަހަށް އަދި ވިޔަފާރިއަށް ވަދެގެން ދިޔައީއެވެ.

މިއަދު ޔޫރަޕްގެ މީހުންނަށް ވިޔަފާރީގެ ކޮންޓްރެކްޓްތަކުގައި ފެންނަ "ޓެރިފް" ލަފުޒު ކިޔާއިރު ހަގީގަތުގައި އެމީހުން އެހަނދާން ކުރަނީ މުސްލިމު ލީޑަރު ޠަރީފް ބިން މާލިކް ގެ ނަމެވެ.

ހިއްސާ ކުރައްވާ!