މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް ނިންމައިފިއެވެ. ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އަލުން މި މަސައްކަތް ފަށާނެ ކަމަށް މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފި އެވެ. މި ބޯޓު ގެއްލިފައިވާތާ މިހާރު 11 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވެއެވެ. މެލޭޝިއާއިން ބުނާ ގޮތުގައި މި ނިންމުމަކީ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް އުއްމީދެއް ގެނެސްދޭނެ ކަމެކެވެ.
ބޮއިން 777 ބޯޓު ގެއްލުނީ ކުއަލަލަމްޕޫރުން ބެއިޖިންގ އަށް ދަތުރުކުރަނިކޮށް 2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު އެވެ. މި ބޯޓުގައި 239 މީހުން ދަތުރުކުރިއެވެ. އޭގެތެރެއިން ގިނައީ ޗައިނާގެ ރައްޔިތުންނެވެ. ބޯޓު ގެއްލުމުގެ ހާދިސާއަކީ ދުނިޔޭގެ އެވިއޭޝަން ތާރީޚުގައި ވެސް އެންމެ ބޮޑު އެއް ސިއްރު ކަމުގައި ވެފައެވެ.
މިފަހަރު މި ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެމެރިކާގެ މެރިން ރޮބޮޓިކްސް ކުންފުނި ކަމަށްވާ އޯޝަން އިންފިނިޓީ އިންނެވެ. މި މަސައްކަތް އެކި ދިހަމަތިން 55 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާނެއެވެ. އެކުންފުނިން ބަލާނީ އިންޑިއާ ކަނޑުގެ ދެކުނު ސަރަހައްދުގެ 15,000 އަކަ ކިލޯމީޓަރުގެ ސަރަހައްދެކެވެ. މި މަސައްކަތް ހިންގަނީ ފެނިއްޖެ ނަމަ ފައިސާ ޭ ގޮތަށް އަދި ނުފެނިއްޖެނަމަ ފައިސާ ނުދޭ އުސޫލުންނެވެ. އެހެންކަމުން، ބޯޓުގެ ބައިތައް ފެނިއްޖެނަމަ އެ ކުންފުންޏަށް 70 މިލިއަން ޑޮލަރު ލިބޭނެ އެވެ.
މެލޭޝިއާ ސަރުކާރުން ވަނީ މި ހާދިސާގައި ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ހިތްހަމަޖެހުމެއް ހޯދައިދިނުމަށް މަސައްކަތް ކުރާކަން ކަށަވަރުކޮށްދީފަ އެވެ. މީގެ ކުރިން ވެސް މި ބޯޓު ހޯދުމަށް ބައިނަލްއަޤްވާމީ ގިނަ މަސައްކަތްތަކެއް ކުރެވިފައި ވެއެވެ. އަދި 2018 ވަނަ އަހަރު އޯޝަން އިންފިނިޓީ އިން ވެސް އަމިއްލަ ވެސް މަސައްކަތެއް ކުރި އެވެ. ނަމަވެސް އެއްވެސް މަސައްކަތަކުން ބޯޓު ފެނިފައެއް ނުވެ އެވެ. ނަމަވެސް އިންޑިއާ ކަނޑުގެ ރަށްތަކުންނާއި އިރުމަތީ އެފްރިކާގެ އަތިރިމަތިން ބޯޓުގެ ބައެއް ބައިތައް ފެނިފައިވެ އެވެ. މި އަލަށް ފަށާ މަސައްކަތުން ބޯޓުގެ ބާކީ ބައިތައް ހޯދައި، މި ސިއްރު ހާދިސާއަށް ނިމުމެއް ގެނެސްދޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.







