ފްރާންސްގެ ދެކުނު ސަރަހައްދުގެ މެދުތެރޭގައި ހުންނަ އަވަށެއްގެ މިސްކިތަކަށް ވަދެ، ޚަތިމުތައް ވީދާލައި ބިންމައްޗަށް އެއްލާލާފައިވާ ކަމަށް ފްރާންސްގެ މުސްލިމުންގެ ކައުންސިލް (ސީ.އެފް.ސީ.އެމް) އިން ބުނެއެވެ. މިއީ އިސްލާމްދީނަށް ނަފުރަތުކުރުމުގެ އިސްލާމޯފޯބިއާގެ އަމަލެއްގެ ގޮތުގައި އެ ކައުންސިލުން ސިފަކޮށްފައިވެއެވެ.
ސީ.އެފް.ސީ.އެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ފްރާންސްގެ މުސްލިމުން މިވަނީ ޤުރުއާނަށް އިހާނާތްތެރިކޮށް ހިތައި، ދުވާލުގެ ވަގުތެއްގައި ލެ ޕުއީ-އޮނ-ވެލޭ ގައި ހުންނަ މިސްކިތަކަށް ވަދެ، ޤުރުއާން ވީދާލަފައި ވުމުގެ ސަބަބުން ވަރަށް ބޮޑަށް ނުތަނަވަސްކަމަކާ ކުރިމަތިލާފައެވެ."
މިއީ އިސްލާމޯފޯބިއާގެ އަމަލެއް ކަމަށާއި މިފަދަ އަމަލުތައް އިތުރުވުމުގެ ނުރައްކާ އެބަ އޮތް ކަމަށް އެ ޖަމާއަތުން ވަނީ އިންޒާރު ދީފައެވެ.
މި މާހައުލު އުފެދިފައިވަނީ މުސްލިމުންނާ ދެކޮޅަށް އަމާޒުކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ސަބަބުން ކަމަށް އެ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން، ބުދަ ދުވަހު ވެސް ތުރުކީ ދަރިކޮޅުގެ މުސްލިމް ޖަމާއަތެއް ކަމަށްވާ ތުރުކީ-އިސްލާމިކް ޔޫނިއަން ފޯ ރިލިޖަސް އެފެއަރސް އާ ގުޅިފައިވާ މޮންޓްރިއަލް-ލާ-ކްލޫސް ކަލްޗަރަލް ސެންޓަރަށް ވެސް ބަޔަކު ވަނީ ހަމަލާއެއް ދީފައެވެ. އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އަޅުގަނޑުމެންގެ އެސޯސިއޭޝަންގެ މެއިލްބޮކްސް ތެރެއިން ބަޑީގެ ވަޒަނެއް ފެނިފައިވާ" ކަމަށާއި، "މޮންޓްރިއަލް-ލާ-ކްލޫސްގެ ތުރުކީ ކޮމިއުނިޓީއަށާއި އެކުގައި ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ އާދައަށް އަމާޒުކޮށް ދިން މި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ" ކަމަށެވެ. މި ހަމަލާގެ މަޤްސަދަކީ "ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ އާދައަށް ހުރަސްއަޅައި، އަމާންކަމުގެ މާހައުލު ނަގާލުން" ކަމަށް ވެސް އެ ޖަމާއަތުން ފާހަގަކުރެއެވެ.







